ހަމަނުޖެހުން ތަކުގެ ބިރުވެރިކަން ބޮޑުވެ ނުތަނަވަސްކަން އިތުރުވެފައިވާ ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހަރަކާތްތެރިވާ ސިޔާސީ އިސްވެރިން ގޭބަންދުކޮށް، ބައެއް ސަރަހައްދުތަކަށް ވަދެ ނިކުމެ ނޫޅެވޭ ގޮތަށް ބަންދު ކޮށްފިއެވެ.

ހިންދޫންގެ ދީނީ އަޅުކަމަކާ ދިމާކޮށް ކަޝްމީރަށް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާއެކު އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ ކަޝްމީރުގައި ފޯރިމަރަން ފަށާފައެވެ. އިންޑިއާ އަސްކަރިއްޔާގެ އެތައް ހާސް ސިފައިންނެއް ކަޝްމީރުގައި މިހާރު ހަރަކާތްތެރި ވަމުން ދާއިރު ދީނީ އަޅުކަމަށް ކަޝްމީރަށް ދަތުރުކުރި ހިންދޫންނާއި، ކަޝްމީރަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކަޝްމީރުގައި އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފައި ވާއިރު، ތައުލީމު ފޯރުކޮށްދޭ ހުރިހާ ތަންތަނެއްވެސް ވަނީ ބަންދު ކޮށްފައެވެ. ޖައްމު އާއި ކަޝްމީރުގެ ކަންކަން މިހާރު ބަލަހައްޓަމުން ދަނީ އިންޑިއާގެ މައި ސަރުކާރުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް މި ފިޔަވަޅުތައް އެންމެ ގަދައަށް ތަންފީޒު ކޮށްފައި ވަނީ ސްރީނަގަރު ސަރަހައްދުގައެވެ.

ކަޝްމީރަށް ޓެރަރިސްޓް ހަމަލާ ދިނުމަށް ރާވަމުންދާ ހަމަލާތަކާ ޕާކިސްތާނާ ގުޅުން އޮތް ކަމަށް އިންޑިއާއިން ތުހުމަތު ކުރަމުން ދާއިރު، ޕާކިސްތާނުން ދަނީ މިކަމަށް އިންކާރު ކުރަމުންނެވެ.

ވިލާތުގެ ބައެއް ގައުމުތަކުން ދަނީ ކަޝްމީރަށް ދަތުރު ނުކުރުމަށް ގޮވާލަމުންނެވެ.