މީހަކު ފްރޭމްކޮށް ބިރުދައްކާ މިންވަރަށް އޭނާ ގަމާރުވެއްޖެ ކަމަށް ދިވެހިި ރައްޔިތުން ގަބޫލު ކޮށްފާނެ ކަމަށް ބަޔަކު ހީކުރާތީ އަންތަރީސް ވެވަޑައިގެންފި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ރާއީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާގެ އެންމެ މުހިއްމު އެއް ހެއްކެއް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް އިންޒާރު ދެއްވައި، ފްރޭމް ކުރައްވައި، ވަކި ގޮތަކަށް ބަޔާން ދެއްވުމަށް ލުތުފީއަށް މަޖުބޫރު ކުރެއްވުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރުދައްކަވާ އިންޒާރު ދެއްވިކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ހަސަން ލުތުފީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބިރުދައްކަވާ އިންޒާރު ދެއްވާ ފައިވާ ކަމަށް ހަސަން ލުތުފީ މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއު އަކުން ހާމަވުމާ ގުޅިގެން ހޯމް މިނިސްޓަރު ބިރުދެއްކެވި ކަމަށް ބުނާ އަމަލު ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށްވެސް ކޯލިޝަނުންވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ރައީސް ސާލިހާއި، ހޯމް މިނިސްޓަރާ ގުޅިވަޑައިގެން، ގާނޫނާ ހިލާފަށް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް ކުރުމަށް ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ދައުވާއެއް ކަމަށް ކޯލިޝަނުން ބުނެއެވެ. އަދި ހޯމް މިނިސްޓަރުގެ މި އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުއްވުމަށް ހިންގަވާފައިވާ އަމަލެއް ކަމާ، ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރުމަށްޓަކައި ކެތް މަދުވެފައި ވާކަން ސާފުވާ ދަލީލެއް ކަމަށް ވެސް ކޯލިޝަނުން ތުހުމަތު ކުރެއެވެ.

އިންސާފުވެރިކަން ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ނާއިންސާފުން ބާރުގެ ބޭނުން ކުރައްވައިގެން ވަކި ގޮތަކަށް ކަންކަން ނިންމެވުމަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.