ރާއްޖޭގައި ލިބެންހުރި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާ ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެސްޓީއޯގެ ފަރާތުން ސިއްހީ ދާއިރާ ކުރިއެރުވުމަށް މިހާތަނަށް ވަނީ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ކޮންފަރެންސްތަށް ބާއްވާފައެވެ. މިގޮތުން ސަތޭކައަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ވަނީ 'އޮންކޯ ސްޕެކްޓްރާ' ގެ ނަމުގައި ކޮންފަރެންސެއް ހުޅުލެ އައިލެންޑް ހޮޓެލްގައި ބާއްވާފައެވެ. އެސްޓީއޯ އިން ބުނީ މި ކޮންފަރެންސްގައި ބައިވެރިވި ނަރުހުންނަށް ހާއްސަ ފުލް ޑޭ ޓްރެއިނިން ޕްރޮގްރާމްއެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ، މިކޮންފެރެންސްގެ މައިގަނޑު މަގްސަދަކީ ކެންސަރުގެ ބަލިތަކާ އަދި އެބަލިތަކަށް މިހާރު ލިބެންހުރި ބޭސްފަރުވާގެ މައުލޫމާތާއި، ކުރިން ރާއްޖެއިން ލިބެންނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފް ކޮށްދިނުމެވެ. މީގެ ސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެ އޯގަނައިޒޭޝަނުން ދެކެއެވެ.

'އޮންކޯ ސްޕެކްޓްރާ' ގެ ނަމުގައި ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ކުރިއަށް ގެންދިޔަ ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: އެސްޓީއޯ

މިކޮންފަރެންސްގައި އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފައެވެ.

ޑރ. ރެޑީސްގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސް އިންތިޒާމުކުރެވިފައިވަނީ އެސްޓީއޯ އާއި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.