މިދިޔަ ހަފްތާގައި 49 އެކްސިޑެންޓް ހިނގާ، 11 މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު 27 އިން މިމަހު ދޭކަށް ފުލުހުން ނެރުނު ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ކުރީ ހަފްތާއާ އަޅާބަލާއިރު، މާލޭގައި ހިނގި އެކްސިޑެންޓްތައް މަދުވެ، އަނިޔާވި މީހުން ވެސް ވަނީ މަދުވެފައެވެ. އެގޮތުން އޭގެ ކުރީ ހަފްތާގައު 50 އެކްސިޑެންޓް ހިނގާ، 15 މީހަކަށް އަނިޔާ ވެފައިވެއެވެ. ކުރީ ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގައި ފަސް މީހެއްގެ ލައިސެންސް ހިފަހައްޓާގައިވާއިރު، މިދިޔަ ހަފްތާތައި ހިފަހައްޓާފައިވަނީ އަށް މީހެއްގެ ލައިސެންސެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި 460 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެ. ޕާކިން ސްޓިކާ ޖެހި އަދަދު ވަނީ މިދިޔަ ހަފްތާގައި ގިނަ ވެފައިވާއިރު، އޭގެ ކުރީ ހަފްތާގައި ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައި ވަނީ 256 ވެހިކަލެއްގައެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 134 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަ ވެފައިވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 63 މައްސަލައެއް ބަލާފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 48 މީހަކު ހުއްޓުވާ ބަލާފައިވާ އިރު، ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވި 42 މީހެއްގެ މައްސަލައިގެ އިތުރުން އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަން ނުދޭ 16 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ހަފްތާގައި 70 އުޅަނދު ޓޯކޮށްފައިވާއިރު، ފޯނުން ވާހަކަ ދައްކަމުން ސައިކަލު ދުއްވި 20 މީހުންނާއި، ލޭނު ބަދަލުކުރުމާއި އޯވާޓޭކް ކުރުމުގައި ގަވާއިދާއި ހިލާފްވި 10 މީހެއްގެ އިތުރުން ސިނގިރެޓް ބޮމުން ސައިކަލު ދުއްވި ހަރަތު މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ހަމަވެފައިވާ، 32 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 20 ވެހިކަލެއް ހިމެނެއެވެ.