ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ދެވަނަ އަޑުއެހުން ފަށައިފިއެވެ. މި ޝަރިއަތުގެ އަޑުއެހުން ފަށާފައިވަނީ މިއަދު 10:30 ހާއިރުއެވެ. މި ޝަރީއަތުގެ އިބްތިދާއީ އަޑު އެހުމެއް މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އިރު، އެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ވަނީ ފަސްކަމެއް ދިފާއުގައި ހުށަހަޅުއްވާފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ އެ ހުށަހެޅުންތައް ބަލައިނުގަންނަވައި އިބްތިދާއީ އަޑުއެހުމަށްފަހު ޝަރީއަތް ފަށްޓަވާފައެވެ. ދައުލަތުގެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް 8 ހެކިން ހުށަހަޅާފައިވާއިރު، ދިފާއުވުމަށް އެމަނިކުފާނު ހުށަހެޅުއްވީ 5 ހެކިންނެވެ.

21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލި އިރު، ޔާމީނަށް ދިފާއީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުހުލަތެއް ކޯޓުން ދިނެވެ. އަދި ދިފާއީ ހެކި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކުރިމިނަލް ކޯޓަށް ހުށަހަޅުއްވާފައެވެ.

ޔާމީންގެ ވަކީލުންގެ ޓީމަށް ދާދި ފަހުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ގުޅިވަޑައިގެންފައެވެ. އެމަނިކުފާނު މި މައްސަލައިގައި ވަކާލާތު ކުރައްވާނީ ޔާމީންގެ ފަރާތްޕުޅުން އިސް ވަކީލެއްގެ ގޮތުގައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އެކަމަކު އެކޯޓުން ކުރި އެ އަމުރު ހައިކޯޓުން ވަނީ ފަހުން ބާޠިލުކޮށްފައެވެ.

ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. މިމައްސަލަތައް ޕީޖީންވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިދިޔަ މެއި މަހުވެސް ވަނީ ބާއްވާފައެވެ.

އިތުރަށް ވިދާޅުވޭ...