ޕާކިސްތާނާ އިންޑިއާ ހިއްސާކުރާ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖަސޫސީ މައުލޫމާތު ލިބުމާއެކު ކަމާ ބެހޭ ފަރާތްތަކުން ދިން އިންޒާރުގެ މެސެޖާއެކު އެތައް ހާސް ބަޔަކު ކަޝްމީރު ދޫކޮށް، އެހެން ހިސާބުތަކަށް ބަދަލުވާން ފަށައިފިއެވެ.

ހިންދޫންގެ ދީނީ އަޅުކަމަކާ ދިމާކޮށް ދޭން އުޅޭ ކަމަށް ބުނާ ޓެރަރިސްޓް ހަމަލާގެ އިންޒާރާއެކު ކަޝްމީރުގައި ތިބި ގިނަ އަދަދެއްގެ ހިންދޫންގެ އިތުރުން ފަތުރުވެރިންވެސް ވަނީ ކަޝްމީރު ދޫކޮށް ދާން ފަށާފައެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓެރަރިސްޓް ހަމަލާ ދިނުމަށް މަސައްކަތްކުރަނީ ޕާކިސްތާނުގެ އެއްބާރުލުން ލިބިފައިވާ ހަނގުރާމަވެރިންތަކެކެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ކަޝްމީރުގެ އޮފިޝަލަކު ވިދާޅުވީ 200000 އެއްހާ ލޭބަރުންވެސް ކަޝްމީރު ދޫކޮށް ދިއުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ކަންމިހެން އޮތްއިރު ވިލާތުގެ ބައެއް ގައުމުތަކުން ވަނީ ކަޝްމީރަށް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް ގޮވާލާފައެވެ.