ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ދިދަ ޖެހި ޓޭންކަރުގައި ތިބި އިންޑިއާގެ ފަޅުވެރިން ވީހާވެސް އަވަހަކަށް މިނިވަން ކޮށްގެން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް، އިންޑިއާ ސަރުކާރުން މިހާރުވެސް ކުރަމުން ދާކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް، އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ އެއް ގޮފި ކަމަށްވާ އައި.އާރް.ޖީ.ސީއިން ހުއްޓުވާ، ހިފަހައްޓާފައިވާ "ސްޓެނާ އިމްޕޭރޯ" ގައި އިންޑިއާގެ 18 ފަޅުވެރިއަކު ހިމެނޭއިރު، މިމީހުން ތިބީ އައި.އާރް.ޖީ.ސީގެ ބެލުމުގެ ދަށުގައެވެ.

ތެހްރާން އެމްބަސީގައި ތިއްބަވާ އިންޑީއާގެ އޮފިސަރުން، ފަޅުވެރިންނާ ބައްދަލު ކުރައްވާފައި ވާ ކަމަށާ، އެމީހުން ތިބީ ހެޔޮ ހާލުގައި، އެކަށީގެންވާ ސަޕްލައި އާ އެވެސް އެކުގައިކަން ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކާއެކު ކެނޑިނޭޅި މުއާމަލާތްތައް ކުރިއަށް ދާކަންވެސް އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޖައިޝަންކަރު މިފަދަ މޭރުމަކުން ވާހަކަފުޅު ތަކެއް ހާމަ ކުރައްވާފައި މިވަނީ، ޓެމިލް ނާޑޫގެ ޗީފް މިނިސްޓާ ކޭ ޕަލަނިސުވާމީ ފެންމަތި ކުރެއްވި ކަންބޮޑުވުން ތަކަކަށް އިޝާރާތް ކުރައްވާ، ކުރެއްވި ޓްވީޓެއް ގައެވެ.

އީރާނުން "ސްޓެނާ އިމްޕޭރޯ" ހިފަހައްޓާފައިވަނީ ޖުލައި 19 ވަނަ ދުވަހުއެވެ. މިއީ އީރާނުން އެޅި ވަރަށް "ނުރައްކާތެރި" ފިޔަވަޅެއް ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.