ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގައި ހިންގާ ވޯލްމާޓް ފިހާރައަށް ވަނުމަށް ފަހު ބަޑިން ހަމަލާތަކެއް ދީ، 20 މީހުން މަރާލައިފިއެވެ.

ހަމަލާ އަމާޒުވި ސަރަހައްދުގެ ރަށްވެހިން ބުނާ ގޮތުގައި މި ހަމަލާއަކީ "ނަފުރަތާ ރުޅިވެރިކަމުގެ" ތެރެއިން ހިންގި ޖަރީމާއެކެވެ. މިއާއެކު އެފަރާތްތަކުން ދަނީ އެމެރިކާގައި އެކަމެއްގެ ބިރު އިންތިހާއަށް ބޮޑުވެފައިވަނީ ބަޑީގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އެޅުމަށް އިހުނަށްވުރެ ގަދައަށް ޑިމާންޑް ކުރަން ފަށާފައެވެ.

މިއީ އެމެރިކާގައި ހިންގާ ވޯލްމާޓް ފިހާރައެއްގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިން މިފަދަ 2 ވަނަ ހަމަލާއެވެ. މިދިޔަ ހަފުތާ ބަންދުގައި، ކެލިފޯނިޔާގެ ވޯލްމާޓް ފިހާރާގައިވެސް މިފަދަ ހަމަލާތަކެއް ވަނީ ދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ގެއްލިގެން ދިޔައީ މައުސޫމު ބައެއްގެ ފުރާނަ ކަމަށާ، މި ހަމަލާގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކުގެ ހައްގުގައި ސްޓޭޓެއްގެ ގޮތުގައި ޓެކްސަސް އޮންނާނީ އެއްބައިވަންތަކަމާއެކުގައި ކަމަށެވެ.

ލިބެމުންދާ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 80 އަހަރުން މަތީގެ މީހުންނާ، އުމުރުން އެންމެ 2 އަހަރުގެ ތުއްތު ކުދިންވެސް ހިމެނެއެވެ.

އެމެރިކާ ފުލުހުން ބުނީ، ހަމަލާ ދިން ވަގުތަކީ ވޯލްމާޓް ތެރޭގައި 1000-3000އާއި ދެމެދު އަދަދަކަށް ކަސްޓަމަރުން ތިބޭނެ ވަގުތެއްކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައުސޫމު ބަޔަކު މަރާލުމަށް ދައްކާނެ ހުއްޖަތެއް ނޫނީ އުޒުރެއް ނުއޮންނާނެ ކަމަށާ، މުޅި އެމެރިކާވެސް މި ހަމަލާ ކުށްވެރި ކުރާނެ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން 3 މީހުން ހައްޔަރުކުރި ކަމަށް ޚަބަރު ފެތުރުނުނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި މިހާރު ހުރީ، އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.