ރައީސް ޔާމީނާ ދެކޮޅަށް ދޮގު ބަޔާން ދިނުމަށް ބިރުދައްކާ އިންޒާރު ދިން ކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ. މިރޭ ސަންގު ޓީވީ އަށް އޭނާ ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ އަށް އިންޒާރު ދިނީ ސީދާ ކޮން ބައެއްކަން ވިދާޅެއް ނުވެއެވެ. ނަމަވެސް ދަންނަ ނަންބަރު ތަކާ ނުދަންނަ ނަންބަރުތަކުން ގުޅާފައި އިންޒާރު ދިން ކަމަށް ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ، އޭނާ ލައްވާ ބަޔާންތައް ނަގާ، މަގުމަތިންނާ އެތަން މިތަނުން ދިމާކޮށް ބިރު ދެއްކި ކަމަށެވެ. ލުތުފީ ވިދާޅުވީ ފުރާނައަށް ނުރައްކާވެ ހަމަ ނިދި ލިބިވަޑައި ނުގަންނަވާ ހިސާބަށް ކަންތައްތައް ދިޔަ ކަމަށެވެ. ލުތުފީ އިތުރަށް ވިދާޅުވީ މީހުންނަށް އޮޅިގެން އުޅުނަސް އޭސީސީއަކީ އޭނާ އެކަނި އިންނަވައިގެން މައްސަލަތައް ނިންމާ ތަނެއް ނޫން ކަމަށާ އެކަންކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.

ލުތުފީގެ އިންޓަވިއުގައި އޭނާއަށް މަޖުބޫކުރު ކުރީ ކޮން މައްސަލައަކާ ގުޅޭ ގޮތުން ދޮގު ބަޔާނެއް ދޭން ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ މާލޭގައި ހުންނެވި ދުވަސް ވަރު އޮފީހަށް ނުކުންނަވާތީވެސް ގުޅި ކަމަށާ އެކަމުގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ދިޔަ ކަމަށެވެ.

ލުތުފީ އަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގާ ދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރި އިރު އޭސީސީގެ ރައީސް އެވެ. އަދި އެނޫންވެސް ގިނަ މައްސަލަތައް ތަހުގީގު ކުރެވުނު އިރު ހުންނެވީ ލުތުފީއެވެ. ލުތުފީގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު އެކި ފަރާތްތަކުން ކުރެއެވެ.