ފަރުދީ މިނިވަންކަމާއި ސިއްރިއްޔާތުގެ ހައްގަށް އުނިކަން އަންނަ ފަދަ ގޮތަކަށް އެމެރިކާގެ ސަރުކާރުން އަޅަން އުޅުނު ފިޔަވަޅުތަކަކާ ބެހޭ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައަށް ލީކުކޮށްލި ސީއައިއޭ އޭޖެންޓް އެޑްވާޑް ސްނޯޑަންގެ ހަޔާތުގެ ޑައިރީ "ޕާމަނަންޓް ރެކޯޑް" ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ރައްޔިތުން ކޮށްފައިވާ ފޯނުކޯލުތަކާއި، ޓެކްސްޓް މެސެޖުގެ އިތުރުން އީމެއިލްތައް ސަރުކާރަށް ފެންނަ ގޮތަށް ހަދަން އުޅުމުން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް، އެ ވާހަކަތައް ލީކުކޮށްލި ސްނޯޑަން މިހާރު ދިރިއުޅެމުން ދަނީ ރަޝިޔާގައެވެ.

ގައުމަށްޓަކައި އޭނާގެ މުސްތަގުބަލު ސްނޯޑަން ގުރުބާންކޮށްލީ އުމުރުން އެންމެ 29 އަހަރުގައި ކަމަށް، ސްނޯޑަންގެ ހަޔާތުގެ ވާހަކަ، ފޮތެއްގެ ސިފާގައި ޝާއިއުކޮށްދޭ މެކްމިލާން ޕަބްލިޝާސް ގެ ސީއީއޯ ޖޯން ސާޖަންޓް ވަނީ ސިފަކޮށްފައެވެ.

"ޕާމަނަންޓް ރެކޯޑް"ގެ ނަމުގައި ޝާއިއުކުރާ މި ފޮތަކީ، ސްނޯޑަންގެ ދިރިއުޅުމާ، އޭނާ ކުރަމުންދިޔަ މަސައްކަތްތަކާއި، އޭނާގެ މުހިންމު ނިންމުންތަކެއް ހިމަނޭ ގޮތަށް އޭނާ އަމިއްލައަށް ލިޔެފައިވާ ފޮތެކެވެ.

"ޕާމަނަންޓް ރެކޯޑް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.