ކަޝްމީރަށް ޓެރަރިޒަމްގެ ހަމަލަތާކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމަށް ބުނެ، އެ ސަރަހައްދުގައި ތިބި ހުރިހާ ފަތުރުވެރިން ކަޝްމީރުން ފޭބުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ގޮވާލައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރު ސަރަހައްދުގެ އިންޑިއާއާއި ވީ ފަޅީގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަސްކަރިއްޔާގެ 25000 އެއްހާ ސިފައިންވެސް ކަޝްމީރު ސަރަހައްދަށް ފޮނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކަޝްމީރަށް ދަތުރު ނުކުރުމަށާއި، ކަޝްމީރުގައި ތިބި ފަތުރުވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ގޮވާލާފައިވާއިރު، ކަޝްމީރުގައި ތިބި ފަރާތްތަކުން ކާބޯތަކެއްޗާ ހަކަތައިގެ ސަމާނު ގިނައިން ގަނެ، ރައްކާ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި ހަމަލާތަކަކީ ހިންދޫއިންގެ ދީނީ އަޅުކަމަކާ ދިމާކޮށް ދޭން އުޅޭ ހަމަލާތަކެއް ކަމަށް ބެލެވޭކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ. ކަޝްމީރުން ފައިބަންވީ މީހުންގެ ތެރޭގައި މި އަޅުކަމުގައި ބައިވެރިވުމަށް ކަޝްމީރަށް ދަތުރުކުރި މީހުންގެ އިތުރުން ފަތުރުވެރިންގެ ގޮތުގައި ކަޝްމީރުގައި ތިބި މީހުންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ކަޝްމީރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިންޑިއާ އަސްކަރިއްޔާގެ އިސްވެރިޔާ ލެފްޓިނެންޓް ޖެނެރަލް ކަންވާލް ޖީތު ސިންހް ދިލޯން ވިދާޅުވީ، ސްނައިޕަރުން ގެންގުޅޭ ޒާތުގެ ބަޑިއެއްގެ އިތުރުން މައިންއެއްވެސް ފެނިފައިވާކަމަށާ، އޭގައި ޕާކިސްތާނުގެ ފާހަގަތަކެއްވެސް ހުރި ކަމަށެވެ.

މި ދަނޑިވަޅަކީ ކަޝްމީރު ސަރަހައްދުގައި އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކާ ކުރިމަތިލުންތައް އިތުރުވެފައިވާ ދުވަސްވަރެކެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން ޕާކިސްތާނުން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ.