ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅެމުން އަންނަ ބިދޭސީންނަށް ރާއްޖެގެ ރަށްވެހިކަން ދިނުމަށް ފެނޭތޯ މެދު ހެންވެރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްވި ހިޔާލަށް އިދިކޮޅުން ދެކޮޅު ހަދާ ފާޑު ކިޔައިފިއެވެ.

އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އުޅެމުން އަންނަތާ 30 ވަރަކަށް އަހރުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ބިދޭސީންނަކީ މިހާރު ފަހުރުވެރި ކާފައިންނާއި މާމައިން ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ އައްސަވާފައިވެއެވެ.

އާޒިމްގެ ހިޔާލަށް ގިނަ ބަޔަކު ދެކޮޅު ހެދި ނަމަވެސް، އެކަމަށް މަދު ބަޔަކު ވަނީ ތާއިދުކޮށްފައެވެ. އަދި މި ހިޔާލަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ އިދިކޮޅު ފަރާތްތަކުންނެވެ.

އާޒިމްގެ ހިޔާލާ ދެކޮޅުކަން ހާމަކުރައްވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހިން ނޫން ބަޔަކަށް ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ދިނުމަކީ މި ކުޑަކުޑަ މުޖްތަމައުގެ އެއް ނަސްލެއް ކަމާ އެއް ދީނަކަށް އުޅުމާ އެއްބަހަކުން ވާހަކަ ދެއްކުމާއި ދުރު އަދި މުސްތަގުބަލުގަ އިއާދަ ނުކުރެވޭ ގެއްލުންތައް ވާނެކަމެއް ކަމަށެވެ. މުއިއްޒު ވަނީ ސިޔާސީ ކަންކަމުގެ މައްޗަށް ގައުމިއްޔަތު އިސްކުރުމަށް ވެސް ގޮވާލައްވާފައެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާ ގުޅޭގޮތުން، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގެ ރަށްވެެހިކަން ދޭން އެމްޑީޕީން މަސައްކަތް ކުރަނީ، އެމީހުންނަށް ވޯޓު ލުމުގެ ހޯދަދީ އުމުރަށް ވެރުކަމުގައި ތިބުމުގެ ސިއްރު އެޖެންޑާގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ވެސް މި ހިޔާލާ ދެކޮޅު ހަދާ ބައެއް ފަރާތްތަކުން އަންނަނީ މިއީ ރަނގަޅު ހިޔާލެއް ނޫންކަމަށް ބުނަމުންނެވެ. މި މައްސަލައަށް ރައްދު ދެއްވި މީހަކު ބުނެފައިވަނީ އެއްވެސް ގޮތަކަށް މިކަމަށް އެއްބަސްވެވެން ނެތް ކަމަށެވެ. އަދި މިއީ އިންތިހާބާ ދިމާކޮށް ސިޔާސީ ޕާޓީތަކުން އެމީހުންގެ ދަފްތަރަށް މިހުން އިތުރުކޮށް ވޯޓު ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ދިވެހިންނަށް ބޭނުންވާ ދިރިއުޅުމުގެ އަސާސީ ހައްގުތައް އަދި ފޯރުކޮށްދެވިފައި ނުވާކަމަށް ބުނެފައިިވެއެވެ.

ބައެއް ފަރާތްތަކުން މި ހިޔާލަށް ތާއިދު ކުރެއެވެ. ނަމަވެސް ދިވެހި ރަށްވެހިކަން ނުދީ ދާއިމީކޮށް ތިބެވޭނެ ނުވަތަ އެފަދަ ގޮތެއް ހަމަޖެއްސުން ރަނގަޅުކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އަދި ދިވެހިންނާ ކައިވެނިކޮށް ދަރިން ލިބިފައި ތިބި ބިދޭސީ ފަރާތްތަކަށް ރަށްވެހިކަން ދިނުމަށް ވެސް ފައެއް ފަރާތްތަކުން ތާއިދުކުރެއެވެ.