އިންޑިއާގެ މަޝްހޫރު ކޮފީ ޗެއިނެއް ކަމަށްވާ ކެފޭ ކޮފީ ޑޭގެ ބާނީ އަދި އޯނަރު، ވީޖީ ސިދާތާ މަރުވީ ގެނބިގެން ކަމަށާ، އެކަމުގައި އަޑި ނޭނގޭ އެހެން ސިއްރެއް ނުވާކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
މެންގަލޯގެ ހޮސްޕިޓަލަކުން ތައްޔާރުކޮށްފައިވާ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވަނީ ސިދާތާގެ ހަށިގަނޑު ތެރެއިން ގިނަ އަދަދަކަށް ފެން ފެނިފައިވާ ކަމަށާ، އެހެންކަމުން އޭނާ މަރުވީ ގެނބިގެން ކަމަށް އިޝާރާތްކުރާ ކަމަށެވެ.
ހޯމަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ސިދާތާގެ ހަށިގަނޑު ފެނިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 06:30 ހާއިރުއެވެ. ނީތްރަވާތީ ކޯރުގެ އައްސޭރި ފަށުގައި ސިދާތާގެ ހަށިގަނޑު އޮއްވާ ފެނިފައިވަނީ މަސްވެރިއަކަށެވެ. މިސަރަހައްދަކީ، ސިދާތާ ދިރިހުއްޓާ އެންމެ ފަހުން ފެނުނު ކަމަށް ބުރިޖާ ދާދި ކައިރި ސަރަހައްދެކެވެ.
ސިދާތާގެ ކެފޭ ކޮފީ ޑޭ އަކީ އެތައް ގޮތަކުން އިންޑިއާއަށް ހާއްސަ ވިޔަފާރިއެކެވެ. އެއީ އިންޑިއާގައި ހުޅުވި ފުރަތަމަ ކޮފީ ޗެއިންއެވެ. ބެންގަލޫރުގެ ބްރިގޭޑް ރޯޑްގައި 1996 ވަނަ އަހަރު ހުޅުވި ކެފޭ ކޮފީ ޑޭގެ ފުރަތަމަ އައުޓްލެޓަކީ، އިންޑިއާގައި ކާބޯތަކެތި ވިއްކާތަނަކުން ކަސްޓަމަރުންނަށް ހައި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދޫކުރަން ފެށި ފުރަތަމަ އައުޓްލެޓްވެސްމެއެވެ.
200 އަށްވުރެ ގިނަ ސިޓީގައި 1750އަށްވުރެ ގިނަ ކެފޭ ކޮފީ ޑޭ އައުޓްލެޓް އެބަހުއްޓެވެ. މީގެ ތެރޭގައި އިންޑިއާއިން ބޭރުގެ އެކި މަންޒިލްތައްވެސް ހިމެނެއެވެ.
އުމުރުން 58 އަހަރުގެ ސިދާތާ މަރުވިއިރު ކައިވެނިކޮށްގެން އުޅުނީ ކަރުނާޓަކާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓާ އެސްއެމް ކްރިޝްނާގެ ދަރިކަނބަލުންނާއެވެ.
2017 ވަނަ އަހަރަކީ ސިދާތާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެކެވެ. އެގޮތުން ޓެކްސްއަށް ހިޔާނާތްތެރިވިކަމުގެ ބޮޑެތި ތުހުމަތުތަކެއް އޭނާއަށް އަމާޒުކުރެވުނެވެ. އަދި އޭނާއާއި ގުޅުންހުރި 20 ތަނެއް، އިންކަމް ޓެކްސް ޑިޕާޓްމަންޓުންވަނީ ރެއިޑްވެސްކޮށްފައެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި ސިދާތާގެ ވިޔަފާރި ފުޅާވަމުންދިޔައީ އޭނާއަށްވެސް ކޮންޓްރޯލް ނުކުރެވޭހާ ހަލުވި މިނެއްގައެވެ. އެގޮތުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ބަލާއިރު ކެފޭ ކޮފީ ޑޭގެ ދަރަނި 64 ޕަސެންޓް އިތުރުވެފައިވާކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.