ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒްމް މިނިސްޓަރު އިންޑިއާގެ ޓުޓިކޮރިނުން ހިފެހެއްޓި ދަތުރަށް ރާއްޖެއިން އެރުއްވީ 150 ނޯޓިކަލް މޭލެ ބޭރުން ކަމަށް 'ދަ ޕްރެސް' އަށް އެނގިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން މަސްދަރުން ބުނީ ޓަގު ބޯޓު ފުރައިގެން ގާދޫ ކޮލުން ނުކުމެގެން ދިޔައީ އޭގައި ތިބި ފަޅުވެރިންނާ އެކުގައި ކަން އެނގިފައިވާ ކަމަށާ ބޯޓަށް އިތުރު މީހަކު އެރި ކަމުގެ މައުލޫމާތެއް، ބޯޓު ރާއްޖޭގެ ސަރަހައްދުގެ 150 ނޯޓިކަލް މޭލެއްހާ ބޭރުގައި އޮއްވާ ލިބުނު ކަމަށެވެ. އޭނާ އަދި އިތުރަށް ބުނީ ގަބޫލު ކުރެވެނީ ސްޕީޑް ބޯޓެއް ފަދަ އެއްޗެއްގައި ޓަގު ބޯޓާ ހަމައަށް ވަޑައިގެން އަދީބު އެއަށް އެރުއްވީ ކަމަށެވެ.

"ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓަކީ އޯޝަން ލޮޖިސްޓިކްސްގެ ބެލުމުގެ ދަށުން ރާއްޖެ އައިސް އޮތް ބޯޓެކެވެ. އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވީ، އެ ބޯޓަކީ ރާއްޖޭގައި އާންމުކޮށް އޮންނަ ބޯޓެއް ކަމަށާ، މިފަހަރު ބޯޓުގެ އެޖެންޓުންނަކީ އެ ކުންފުނި ކަމަށެވެ.

"އެ ބޯޓަކީ ހިލަ ހިލަވެލި އުފުލަން މިތާ އޮންނަ ބޯޓެއް، އެކި ޕްރޮޖެކްޓްތަކަށް ބޮޑުހިލަ އެއްޗެހި ހިފައިގެން ދުއްވާ ބޯޓެއް ތީ، ދެން އެއްބައި ފަހަރަށް އަޅުގަނޑުމެން އެޖެންޓްކަން ކުރާނެ، އަނެއްބައި ފަހަރު އެހެން މީހުންވެސް ކުރާނެ، މިފަހަރު މީ އަޅުގަނޑުމެން ކުރި ފަހަރެއް" އެމްޑީ ވިދާޅުވިއެވެ.

އޯޝަން ލޮޖިސްޓިކްސްގެ އެމްޑީގެ އިތުރުން އޮޕަރޭޝަންސް މެނޭޖަރު ބުނީ، އެބޯޓު މާލެ ސަރަހައްދުން ބޭރު ވެފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ކަމަށެވެ.

"ބޯޓު ވަނީއްސުރެ ނިކުންނަންދެން ބަލަހައްޓާނީ ކަސްޓަމްސް އިން، އެއަށް މީހަކު އެރިއަސް ފޭބިއަސް ކަސްޓަމްސް އަށް އިނގޭނެ" އޮޕަރޭޝަން މެނޭޖަރު ބުންޏެވެ. އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ އެއަށް ވަގަށް މީހަކަށް އެރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުނެއެވެ.

މިކަމާ ގުޅިގެން ކަސްޓަމްއަށް ގުޅުމުން ކޮމިޝަނާ ވިދާޅުވީ، އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ވުމާއެކު މައްސަލައިގެ ތަހުގީގު ނިމުނީމައި އެއްޗެއް ވިދާޅުވާނެ ކަމަށެވެ.

ފުލުހުން މިމައްސަލައިގައި ކުރިންވެސް ބުނި މިންވަރަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް ބުނާކަށްވެސް އަދި ހާމަ ކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ކުރިން ފުލުހުން ބުނެފައިވަނީ އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އަދީބު ދިޔަ ޓަގު ބޯޓު ވަނީ ޓުޓިކޮރިންގެ ޑޮމެސްޓިކް ބަނދަރަކަށް ކަމަށް ވިއަސް އެ ބަނދަރަކީ ހިލަ، ހާއްސަކޮށް ބޮޑު ހިލަ އަރުވާ ބަނދަރު ކަމަށް އޯޝަން ލޮޖިސްޓިކްސް އިން ބުނެއެވެ.

"އެއީވެސް އަސްލު އިންޓަނޭޝަނަލް ޕޯޓެއް، އެ ޕޯޓުން ބޮޑު ހިލަ ބަރުކުރަން ހުއްދަ އޮންނަނީ" އޯޝަލް ލޮޖިސްޓިކްސްގެ އެމްޑީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ބޯޓު އިންޑިއާއަށް ވަންނާނީ އިންޑިއާ އެޖެންޓް ދޭ އިރުޝާދުގެ މަތިން ކަމަށާ، އެ ބަނދަރަށް ދާނީވެސް އެގޮތުގެ މަތިން ކަމަށެވެ. އަދި އިންޑިއާ ކޮޅުގައި ބޯޓު ހޭންޑަލް ކުރުމުގެ މަސައްކަތަކީ އިންޑިއާ އެޖޭންޓުގެ ކަމަކަށް ވާތީ، ރާއްޖޭގެ އެޖޭންޓައް އިންޑިއާ ސަރަހައްދުގެ މައުލޫމާތު ނުލިބޭނެ ކަމަށެވެ.

"ވާގޯ 9" އަކީ ސިންގަޕޫރުގައި ރަޖިސްޓާ ކޮށްފައި އޮންނަ މެލޭޝިއާ ރައްޔިތެއްގެ ޓަގު ބޯޓެކެވެ. ބޯޓުން ދަތުރު ކުރި ފަޅުވެރިންނާއި ކެޕްޓަން މިހާރު ހުރީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ވަނީ އެނގިފައެވެ. ނަމަވެސް އަދީބު އަދިވެސް ހުންނެވީ ޓަގު ގައި ކަމަށާ އޭނާ އަދި ހައްޔަރު ނުކުރާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އަދީބުގެ ލޯޔަރުން ބުނަނީ އިންޑިއާ ސަރުކާރަށް އަދީބު ހައްޔަރު ނުކުރެވޭނެ ކަމަށާ، އިންޑިއާގެ ހިމާޔަތަށް އެދޭ ކަމަށެވެ.