އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ އަނިޔާ ކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާއާ ބެހޭ އިތުރު ތަފްސީލެއް ޖެންޑާ މިނިސްޓްރީން ހާމަ ކޮށްފައި ނުވާއިރު، ތަފްސީލް ހާމަ ކުރުމަކީ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ މިނިސްޓްރީން މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، މިދިޔަ ޖުލައި މަސް ތެރޭގައި ވެސް އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދެކުނުގެ އަތޮޅުން ވަނީ 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. މިދިޔަ ޖުލައި މަސް ތެރޭގައި މާލޭގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ. މި ހާދިސާއާ ގުޅިގެން، ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 21 އަަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.