ހިދުމަތް ފޯރުކޮށްދިނުމުގައި ބުރޫއެރީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ޓީޕީއޭ އިން އިތުރު އިޝާރާތެއް ނެތި ހިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ހޮސްޕިޓަލްތަކަށް އެންގުމާއި ގުޅިގެން ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި، އެ ކުންފުނިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިނުގައި ވެސް ހުންނަ ހޮސްޕިޓަލްތަކުން ހިދުމަތް ފޯރުކޮށްދެނީ ތާޑްޕާޓީ އެޑްމިނިސްޓްރޭޓާ (ޓީޕީއޭ) އެއް މެދުވެރިކޮށްގެން ކަމަށެވެ.

އެގޮތުން، އިއްޔެ އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބުމުގެ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އާސަންދައިގެ ދަށުން އިންޑިއާގައި ބޭސްފަރުވާ ކުރަމުންދާ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ދިމާވާތީ އެ ކުންފުނިން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައި ވާއިރު، އެ ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކުން 24 ގަޑިއިރު ހުޅުވިފައި ހުންނަ، އާސަންދަ ކޯލް ސެންޓަރު ނަމްބަރު، 1400 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އާސަންދައިގެ ހިދުމަތް ލިބުމުގައި ދަތިތައް ކުރިމަތިވި ހޮސްޕިޓަލްތަކުގެ ތެރޭގައި، ޓްވިވެންޑްރަމްގައި ހުންނަ އާނާންތަޕޫރީ، ޗައިތަންޔާ، އާރްސީސީ އަދި ކިމްސް ހޮސްޕިޓަލް ހިމެނޭއިރު، ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް ވެސް ހިމެނެއެވެ. ނަމަވެސް، މިހާރު މި ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ފުރިހަމައަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.