ރާއްޖެ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރައްކާތެރި ތަނެއް ނޫން ކަމަށް އޭނާގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އަދީބުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި، އަދީބު ރާއްޖެއަށް އަލުން ފޮނުވާލުމަކީ އިންޑިއާއަށް ކުރެވޭނެ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އެކަމުން އެ ގާއިމު ކުރަނީ ރައްކާތެރިކަން ހޯދުމަށް އެހެން ގައުމުތަކަށް ދާ އެހެން ފަރުދުންނަށްވެސް ވަރަށް ނުރައްކާތެރި މިސާލެއް ކަމަށެވެ. އަދި ރާއްޖެއަކީ އަދީބަށް ރައްކާތެރި ތަނެއް ނޫން ކަމަށާ، މީހެއްގެ ފުރާނައަށާއި މިނިވަން ކަމަށް ނުރައްކާތެރި ތަނަކަށް އޭނާ ފޮނުވާލުމަކީ އޭނާގެ އިންސާނީ ހައްގަށް އޮތް ނުރައްކަލެއް ކަމަށް އެ ޓީމުން ފާހަގަ ކުރިއެވެ.
ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން، ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ޝަރުތުކޮށް، އެގްރިމެންޓެއްގައި ސޮއިކުރައްވާފައި ކަމަށާއި، އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި އެ އެގްރިމެންޓު ވަކީލުންގެ ޓީމަށް ލިބިފައިވާ ކަމަށްވެސް އެޓީމުން ބުނެއެވެ.
އަދީބު އަނބުރާ ރާއްޖެ ފޮނުވާނުލުމަށް އެދެމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ އިންޑިއާއަކީ ނުރައްކާތެރި ކަމުން ރައްކާތެރިކަން ހޯދަން ދާ އެކި ފަރުދުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފަހުރުވެރި ތާރީހެއް އޮތް ގައުމެއް ކަން ފާހަގަ ކޮށް އިންޑިއާ އަށް ތައުރީފުގެ ބަސްތަކެއް ރައްދު ކޮށްފައެވެ. އަދި އެ ގައުމުގެ ރައްކާތެރިކަމަށް އެދޭ ކޮންމެ މީހަކަށް ވެސް، އެ ގައުމަކުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އަދީބު އިންޑިއާގެ ސަރަހައްދަށް ވަދެ ވަޑައިގެންނެވި ކަމުގައި ވިޔަސް، ރައްކާތެރި ކަމަށް އެދުނު ވަގުތުން ފެށިގެން ކަމާބެހޭ ފަރާތްތަކުން އެ އެދުމާ މެދު ވިސްނަންޖެހޭ ކަމަށް ވަކީލުންގެ ޓީމުން ބުނެއެވެ.
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނެފައި ވާއިރު، އެމަނިކުފާނު އަނބުރާ ރާއްޖެ ގެނައުމުގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުން ވަރަށް އަވަހަށް ޗެންނާއީއަށް ދާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވެއެވެ. އެގޮތުން، އެ ބަޔާނުގައި އަދީބު ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައިވާ އެޕްލިކޭޝަން ބަލައިގަތުމާ މެދު ވިސްނުމަށާ، އޭނާގެ އެޕްލިކޭޝަން ރިވިއު ކުރަމުން ދާ ހިނދު އޭނާއަށް ރަައްކާތެރިކަން ދިނުމަށް ގޮވާލާފައިވެއެވެ.