އިންޑޮނޭޝިއާގެ ރައްޔިތެއް ކަމަށްވާ މެޑީ ބަސްޓޯނީ، މުހިންމު މެސެޖެއް ރައީސަށް އެރުވުމަށް ކުރަމުންދާ މަސައްކަތް، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އަތުލައިފިއެވެ.

ތިމާވެއްޓާ މުހިންމު މެސެޖެއް އިންޑޮނޭޝިއާގެ ރައީސަށް އެރުވުމަށް ބަސްޓޯނީ ކުރަނީ ގާތްގަނޑަކަށް 800 ކިލޯމީޓަރު ދިގު ދަތުރެކެވެ. އުމުރުން 43 އަހަރުގެ ބަސްޓޯނީގެ މި ދަތުރަކީ އޭނާގެ އުފަން އަވަށުން، ވެރިރަށް ޖަކާޓާއަށް، ފައި މަގުގައި ކުރާ ދަތުރެކެވެ. މި ދަތުރު ހާއްސަވާ ސަބަބު ދެން އޮތީއެވެ. ބަސްޓޯނީ މި ދަތުރުގައި ހިނގަނީ މުޅިންވެސް ފަހަތަށެވެ. ނުވަތަ ދާންވީ މިސްރާބަށް ފުރަގަސްދީގެން ހުރެއެވެ.

https://youtu.be/H1dlUszVuXI

އޭނާގެ އަވަށުން ބަސްޓޯނީ މި ދަތުރު ފެށީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އިންޑޮނޭޝިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބާއަށް ދިމާކޮށް، ބަސްޓޯނީއަށް ރައީސް ޖޯކޯ ވިޑޯޑޯގެ ގާތަށް ދެވޭނީ މި އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ކަމަށް ލަފާކުރެވެއެވެ.

ރައީސަށް ބަސްޓޯނީ އަރުވާ މެސެޖަކީ އޭނާގެ އަވަށާ ދާދި ކައިރީގައި އޮންނަ ޖަންގައްޔެއްގައި ރަމްޒީ ގަހެއްގެ އޮށް އިންދަވާ ދެއްވުމަށް އެދި ދަންނަވާ މެސެޖެކެވެ. އެއީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޖަންގަލިތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ދެވޭ ރަމްޒީ މެސެޖެއްގެ ގޮތުގައެވެ.

މި އާދަޔާ ހިލާފު ދަތުރަށްޓަކައި ބަސްޓޯނީ ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އޭނާ ހިނގަނީ ސްޓީލްއިން ހަދާފައިވާ ކޮއްޓެއް ބޮލުގައި ބަނދެ ހުރެގެންނެވެ. މި ކޮށީގައި ފަހަތް ފެންނަ ގޮތަށް ލޯގަނޑުތައް ހަރުކޮށްފައި ހުރެއެވެ. ބަސްޓޯނީގެ ބެކްޕެކްގައި 8 ކިލޯގްރާމް ހުއްޓެއްކަމަކު އޭގައި ހުރި ތަކެތީގެ އަގު އުޅެނީ އެންމެ 22 އަކަށް ޑޮލަރުގައެވެ. ދަތުރުގެ އެކި ބޭނުންތައް ފުއްދުމަށް ގަސްތުކުރަނީ ހެޔޮ އެދޭ މީހުންގެ އެހީތެރިކަމާއެކުގައި ކަން ބަސްޓޯނީ ވަނީ ފާހަގަކޮށްފައެވެ.

ބަސްޓޯނީ ބުނާ ގޮތުގައި މިދަތުރުގައި އޭނާ ފަހަތަށް ހިނގުމުގެ މަގުސަދަކީ، ގައުމަށްޓަކައި އެކި އަބުތޯލުން ކުރި މަތިވެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެކަންކަން ހަނދާން ކުރުމެވެ.