ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުރީ ޓަގު ބޯޓުގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން) އަށް ޓަގު ބޯޓެއްގައި އެތެރެވާން އުޅުއްވަނިކޮށް އިންޑިއާގެ ސިފައިން އެމަނިކުފާނު ހިފަހައްޓާފައިވާ ކަމަށް ބުނެ އިއްޔެ ވަނީ އިންޑިއާގެ ނޫސް ތަކުން ރިޕޯޓު ކޮށްފައެވެ. ނަމަވެސް މިހާރު އިންޑިއާގެ ނޫސްތަކުން ބުނަނީ އަދީބު ހުންނެވީ ހައްޔަރުގައި ނޫން ކަމަށެވެ.

މިކަމާ ގުޅިގެން އިއްޔެ ފުލުހުން ނެރުނު ބަޔާނެއްގައި، އަދީބުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް ފިއްލަވައިގެން ކަނޑުމަގުން އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ހިފަހައްޓާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެކުވެރި ގައުމުތަކާއި ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ،

ނަމަވެސް، އަދީބު އިންޑިއާއިން ހިފެހެއްޓިތާ 12 ވަރަކަށް ގަޑި އިރު ފަހުން އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމު ކަމަށް ބުނާ ބަޔަކު ބުނީ އޭނާ އަނބުރާ ރާއްޖެ ފޮނުވާ ނުލެވޭނެ ކަމަށާއި، އަދީބު އިންޑިއާއަށް ވަގަށް އެތެރެވެވަޑައިގެން، އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އެ ޓީމުން ބުނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށާއި، އަދީބު ރާއްޖޭގައި ބަހައްޓައިގެން މިހާރުގެ ސަރުކާރުން އޭނާގެ ބޭނުން ސިޔާސީ ގޮތުން ހިފަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ތަފާތު އެކި ގޮތް ގޮތަށް "ބިރު" ދައްކައިގެން އޭނާ ލައްވާ އެކިއެކި ބަޔާންތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޓީމުން ވަނީ ތުހުމަތު ކޮށްފައެވެ.

އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނެފައި ވާއިރު، އަދީބާ މެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ދިވެހި ސަރުކާރުގެ އިރުޝާދުގެ މަތިން ކަމަށް އިންޑިއާގެ ބައެއް އޮފިޝަލުން ބުނެއެވެ.