ބޮލީވުޑްގެ ބަތޮލާ ސަނީ ލިއޯންގެ ފިލްމެއްގައި އޭނާ އަދާކުރާ ކެރެކްޓަރުގެ ނަމްބަރުގެ ގޮތުގައި ހާމަކުރި ނަމްބަރެއްގެ ސަބަބުން، އުމުރުން 26 އަހަރުގެ ޕުނީތު އަގަރަވާލްގެ ދިރިއުޅުމަށް ދަތިވެފައި ވާކަމަށް އޭނާ ބުނެފިއެވެ.

ޖުލައި 26 ވަނަ ދުވަހު ރިލީޒްކުރި ފިލްމުގައި ސަނީ ލިއޯން ހާމަކުރާ ނަމްބަރަކީ އަގަރަވާލުގެ ފޯނު ނަމްބަރެވެ. އޭގެ ފަހުން މިއަދާ ހަމައަށް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ކޯލެއް އެ ނަމްބަރަށް އަންނަ ކަމަށް އަގަރަވާލު ބުނެއެވެ.

ފިލްމުގެ ސަބަބުން އޭނާ އުފުލަމުން ދާ ތަކުލީފުތައް ސިފަކޮށްދެމުން އަގަރަވާލު ބުނީ ރޭގަނޑު ހުވަފެނެއްވެސް ބަލާނުލެވޭ ވަރަށް ފޯނު އަންނަ ކަމަށެވެ.

އަގަރަވާލު މިހާރު މަސައްކަތް ކުރަމުން ދަނީ ފިލްމުގެ ކޮޕީތަކުން އޭނާގެ ނަންބަރު ކަނޑާލުމަށް ނުވަތަ އެ ނަމްބަރު ކިއާ ވަގުތު "ބީޕް"އަޑު އެޅުވުމަށް ގާނޫނީ އަމުރެއް ހޯދުމަށެވެ.

އެމެރިކާގައި އޮރިއާން ކާޑު ޕްރޮޑަކްޝަން ތަކުގައި ހަރަކާތްތެރި ވުމަށް ފަހު ބޮލީވުޑްގެ އުފެއްދުން ތަކުގައި މަސައްކަތް ކުރަން ފަށާފައިވާ ސަނީ ލިއޯންގެ ނަމްބަރަކީ ގިނަ ބަޔަކު އެ ނަމްބަރެއްގެ އިންތިޒާތުގައި ތިބި ނަމްބަރަކަށް ވަނީ ވެފައެވެ.

ޖުލައި 26 ވަނަ ދުވަހު ރިލީޒް ކުރި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަގަރަވާލު ބުނީ، ފިލްމެއްގައި ބޭނުން ކުރާ ނަމްބަރަކީ ހަގީގަތުގައި ވެސް ބޭނުންކުރާ ނަމްބަރެއް ތޯ ނުވަތަ ނޫންތޯ ބަލާލަން ވާނެ ކަމަށެވެ. އޭނާ މި ނަމްބަރު ބޭނުން ކުރަމުން ދާތާ އެތައް އަހަރެއް ވެފައި ވާކަމަށާ، އޭނާގެ ވިޔަފާރި އާއި ގުޅުންހުރި މީހުންގެ އިތުރުން ޒަމާންވީ ރަހުމަތް ތެރިންގެ އަތުގައިވެސް އޮންނަ ނަމްބަރަކީ މިއީ ކަންވެސް އަގަރަވާލު ވަނީ ފާހަގަ ކޮށްފައެވެ.

އަގަރަވާލު ބުނީ ފުރަތަމަ ދެތިން ދުވަހު ހީވީ ބަޔަކު ސަމާސާއެއް ކުރަނީ ހެން ކަމަށާ، ނަމަވެސް ކޮންމެ މީހަކުވެސް ގުޅާފައި އަހަނީ ސަނީ ލިއޯންއާއި ބައްދަލު ކުރެވިދާނެތޯ ކަމަށެވެ. އެންމެ 2 ކޯލު ފިޔަވާ އެހެން ހުރިހާ ކޯލެއްވެސް އައީ ފިރިހެނުންގެ ފަރާތުން ކަމަށް ވެސް އަގަރަވާލު ބުނެއެވެ. ނަމަވެސް އެއީ ގުޅާ މީހުންގެ މައްސަލައެއް ނޫންކަމަށްވެސް އަގަރަވާލު ވަނީ ބުނެފައެވެ.