އުތުރު ކޮރެޔާއިން އަނެއްކާވެސް ކުރު-ރާސްތާ މިސައިލްތަކެއް "ޓެސްޓު"ކޮށްފައިވާކަމަށް ދެކުނު ކޮރެޔާގެ މީޑިއާއާއި ހަވާލާދީ، ބައިނަލްއަގުވާމީ ޚަބަރުތައް ބުނެފިއެވެ.

މިއީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން މިސައިލްތަކެއް ޓެސްޓުކުރި 3 ވަނަ ފަހަރު ކަމަށް ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްއާއި އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިމިގެންދިޔަ ހަފުތާގެ ކުރީކޮޅު އުތުރު ކޮރެޔާއިން ލޯންޗުކުރި މިސައިލަކީ، އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ހިންގުމަށް ރޭވި އަސްކަރީ ތަމްރީނުތަކާ ދެކޮޅަށް ދެވުނު އިންޒާރުގެ ސިގްނަލެއް ކަމަށް، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ އުތުރު ކޮރެޔާއިންވަނީ ސިފަކޮށްފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ބުނާ ގޮތުން، ބެލިސްޓިކް މިސައިލްތައް ލޯންޗުކުރުމަކީ އުތުރު ކޮރެޔާއަށް މަނާކަމެކެވެ. ނަމަވެސް މިއީ ކަންބޮޑުވާންވީ ވަރުގެ ކަމެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ އުތުރު ކޮރެޔާގެ ނިއުކްލިއާ މަޝްރޫއު މުޅިން ހުއްޓުމަކަށް ގެނައުމަށް އެމެރިކާއާއި އުތުރު ކޮރެޔާއާއި ދެމެދު ސުލްހައިގެ ވާހަކަތަކެއް ފެށި، މަޑުޖެހިފައިވާ ދަނޑިވަޅެކެވެ.