ރޭ ޓީ ޖެޓީ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އަތޮޅު ތެރެއަށް މުދާ އުފުލާ ބޯޓަކަށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްތި ހިފައިގެން ރަށަކަށް މީހަކު ދާން އުޅޭ ކަމުގެ މައުލޫމާތު ރޭ 7:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ޕޮލިސް އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ލައިގެން ހުރި ޖިންސުގެ ވާތު ފަރާތުގެ ޖީބުން ވަނީ މަސްތުވާތަކެތި ކަމަށް ލަފާ ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް ފެނިފައެވެ. އަދި އެމީހާގެ އަތުގައި އޮތް ދަބަހުން ވަނީ މަސްތުވާތަކެތި ކަމަށް ލަފާ ކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓް ފެނިފައި ކަމަށްވެސް ފުލުހުން ބުނެއެވެ. ޖުމްލަ ފެނުނު މަސްތުވާ ތަކެތީގެ ބަރުދަނުގައި 80 ގްރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާތްމަންޓްގެ ފުލުހުންނާއި ޕޮލިސް އިންޓެލިޖަންސް ގުޅިގެން ހިނގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުންވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން މީގެ ދެ ދުވަސްކުރިން 6 ކިލޯގެ މަސްތުވާތަކެއްޗާއެކު 5 މިހާކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސ. ހިތަދޫ އަށް ނިސްބަތްވާ ތިން މީހަކާއި ހއ. ހޯރަފުށްޓަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ.