އެންޓި ޓޯޗާ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކުށުގެ ތުހުމަތުގައި ބަންދު ކޮށްފައި ތިބޭ ފަރާތްތަކަށް ނުލިބޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިފަައިން ބުނެފައިވަނީ އެންޓި ޓޯޗާ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ އަހަރަކުވެސް އާއްމުކުރަންޖެހޭ އެންޓި ޓޯޗާ ރިޕޯޓު 2019ގައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ތިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެއްވެސް ގޮތަކަށް ލިބިދީފައި ނުވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި އެފަދަ ފަރާތްތައް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ނިޒާމެއް ގާއިމް ކުރެވިފައި ނުވާ ކަމަށްވެސް އެޗްއާރްސީއެމްގެ ރިޕޯޓުގައިވެއެވެ.
އެޗްއާރްސީއެމްގެ އެންޓި ޓޯޗާ ރިޕޯޓު 2019ގައި ވާގޮތުން ޖަލުތަކުގައި ހިނގާ ލާއިންސާނީ އަމަލުތަކާއި ގުޅޭ ގޮތުން ބަންދުގެ މަރުކަޒާއި ހަވާލުވެހުރި ފަރާތަށް ޝަކުވާ ހުށަހެޅުމަށް ނުވަތަ ބަންދު ކުރުމަށް ނުވަތަ އެޗްއާރްސީއެމްއަށް ޝަކުވާއެއް ހުށަހެޅުމަށް ހުށަހަޅާ ފޯމުތައް ނުވަތަ ފޮނުވާ ސިޓީތައް އެމީހުން ބަންދުގައި ބައިތިއްބާ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ބޭނުންވެއްގެ ހިނދެއްގައި އެ ރައްދުވާ ފަރާތަކަށް އެ ސިޓީއެއް ނުވަތަ ލިޔުމެއް ފޯރުކޮށް ނުދިމުގެ ފުރުސަތު އޮތް ކަމަށެވެ.
މީގެއިތުރުން މި ރިޕޯޓުގައި ބުނެފައިވަނީ އެއްވެސް އިންސާނަކާއި މުއާމަލާތް ނުކުރެވޭ ގޮތަށް މީހުން ބަންދުގައި ބަހައްޓާކަން އެޗްއާރްސީއެމްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލެ ޖަލާއި ކ. މާފުށީ ޖަލާއި އަދި ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް އެ ކޮމިޝަނުގެ މެންބަރުން ކުރި ޒިޔާރަތުގައި އެހެން އެއްވެސް މީހަކާއި އެކު އިންސާނީ މުއާމަލާތެއް ނުހިނގާނެ ގޮތަށް ބަންދުގައި ބަހައްޓާ ކަމަށެވެ. އަދި އެހެން އެއްވެސް މީހަކު ނުފެންނާނެ ގޮތަށްވެސް މީހުން ބަންދުގައި ބައިތިއްބާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައިވެއެވެ.
މާލެ ޖަލުގައި އެކި ބޭނުންތަކަށް ގައިދީން ނެރޭއިރު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ކަމަށްވާ ނަމަ އެކަހެރި ގޮޅިއެއްގައި ބަންދު ކުރާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެޗްއާރްސީއެމްއިން ބުނީ އެފަދަ މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއްގެ ތަހުގީގު އެ ކޮމިޝަނުންކޮށް ހަތަރު މައްސަލައެއްގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ.
އެންޓި ޓޯޗާ ގާނޫނުގެ 37ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށްފަހު އެންޓި ޓޯޗާ ރިޕޯޓު އާއްމުކުރަންވާނެ ކަމަށެވެ. އެޗްއާރްސީއެމްގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 1އިން ފެށިގެން މި އަހަރުގެ ޖޫމް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޗްއާރްސީއެމްއިން ކޮށްފައިވާ މަސައްކަތްތައް ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.