މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުން، އެސްޓީއޯއިން ގަނެފައިވާ ތެލަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

2016 ވަނަ އަހަރު މެރީޑިއަމްގެ މައްޗަށް އެސްޓީއޯއިން ވަނީ، އެ އޮގަނައިޒޭޝަނުން ގަނެފައިވާ ތެލަށްވާ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުވާ ކޮށްފައެވެ. ނަމަވެސް، ސިވިލް ކޯޓުން ވަނީ މެރީޑިއަމުން ތެޔޮ ގަތްކަން އެސްޓީއޯއަށް ސާބިތު ކޮށްދެވިފައި ނުވާތީ އެފައިސާ ނަގައިދެވެން ނެތް ކަމަށް ބުނެ މައްސަލަ ނިންމާފައެވެ.

އެސްޓީއޯއިން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމުން ހޯދިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށާއި، އެ ތެލަށްވާ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ މެރީޑިއަަމުން ދައްކަން ޖެހޭނެ ކަމަށެވެ.

އެސްޓީއޯއިން ހެކިވެރިންގެ ގޮތުގައި ހުށަހެޅި މީހުންނަކީ އަދުލުވެރިކަން ގެއްލިފައިވާ މީހުން ކަމަށް ބެލެވެން ނެތް ކަމަށާއި އަދި އެއީ އެސްޓީއޯގެ މުވައްޒަފުންނަށް ވިޔަސް، ހަމައެކަނި އެ ސަބަބަށްޓަކައި އެ މީހުން ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި ހުށަހެޅުނު ލިޔުންތަކާއި ހެކިންގެ ހެކިބަހަށް ބަލާއިރު އެ މައްސަލާގައި އެސްޓީއޯއިން ފައިސާ ހޯދަން އެދޭ މުއާމަލާތަކީ ހިނގާފައިވާ މުއާމަލާތްތަކެއް ކަން ޝަރީއަތަށް ބުރަވެވޭ ކަމަށެވެ.

މީގެ އިތުރުން، އެސްޓީއޯއަށް މެރީޑިއަމުން 19 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، މިއަދުން ފެށިގެން ހަ މަސް ތެރޭގައި އެ ފައިސާ ދެއްކުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. އަދި މި މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އެސްޓީއޯ އާއި މެރީޑިއަމްއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން މޯގޭޖްގެ ގޮތުގައި ބަހައްޓާފައި އޮތް އުޅަނދު ވިއްކާލުމުގެ ހައްގު އެސްޓީއޯއަށް އޮންނާނެ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.