ތިލަ ތަންތަނަށް އުހުން ފުންމައިގެން ޑައިވް ކުރުމާ، ވޯޓާޕާކުތަކަށް ގޮސް އުޅުމުގެ ނުރައްކަލާ މެދު ޗުއްޓީ ހޭދަކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވާންވެއްޖެ ކަމަށް، މައިބަދައިގެ އޮޕަރޭޝަންތަކަށް ހާއްސަ ތަޖުރިބާކާރެއް ކަމަށްވާ އީވާން ޑޭވީސް ވިދާޅުވެއްޖެއެވެ.

ސައުތެމްޓަން ޔުނިވާސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސާޖަން ޑޭވީސް ވިދާޅުވީ، ޗުއްޓީގެ ޖަޒުބާތީ ޖޯޝުގައި ކޮށްލެވޭ މިފަދަ ކަންކަމަކީ، ފަރުވާކޮށްގެންވެސް ރަނގަޅު ނުކުރެވޭ ފަދަ ގޮތަކަށް ވާގި ނެތިމުގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމެއް ކަމަށެވެ.

ދާދިދަހުންވެސް ސާޖަރީއެއް ހެދި ކަމަށާ، އެއީވެސް ފެނު އަޑީގައި ފޮރުވިފައިވާ ގާތަކެއްގެ މައްޗަށް ޑައިވް ކުރުމުގެ ސަބަބުން މައިބަދައިގެ ރެނދުލި ޕޭޝަންޓެއްކަން ޑޭވީސް ވަނީ ފާހަގަކުރައްވާފައެވެ. އިތުރު ޕޭޝަންޓަކަށް ބަލާއިރު، ވޯޓާޕާކުގެ ސްލައިޑެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަނދުރާގެ ކަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ޑޭވީސް ވަނީ ވަކިވަކި މިސާލު ޖައްސަވައިގެން ފާހަގަކުރައްވާފައެވެ.

ޑޭވީސް ވިދާޅުވީ، ވޯޓާޕާކު ފަދަ ތަންތަނުން ލިބިދާނެ ސިއްހީ އަނިޔާއެއްގެ ނުރައްކަލުގެ އިންޒާރަކީ އެންމެ އެކަށީގެންވާ ގޮތެއްގައި އެތަންތަނުގައި ދެވޭ އެއްޗެއް ނޫންކަމަށާ، ނަމަވެސް އެއީ ޗުއްޓީ ހޭދަކުރަން ދާ މީހުން މިހާރަށްވުރެ ބޮޑަށް ސަމާލުވާންވެއްޖެ ކަމެއް ކަމަށެވެ.

ވަގުތީ އުފަލަކާ މަޖަލަކަށްޓަކައި ކޮށްލާ ކަމެއްގެ ސަބަބުން އުމުރު ދުވަހަށް ހިތްދަތި ތަކުލީފެއް އުފުލަންޖެހިދާނެކަން ޑޭވީސް ވަނީ ފާހަގަކުރައްވާފައެވެ.