ދިރާގުން މޯބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ 5ޖީ ނުވަތަ 'ފިފްތް ޖެނެރޭޝަން' ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މިރޭ ދިރާގު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފު ކޮށްދެއްވީ ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަހީދު އާއި ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. ރާއްޖެއަށް 5ޖީ ތައާރަފު ކުރުމާ އެކު، ދެކުނު އޭޝިއާ ބައްރުގައި 5ޖީގެ ހިދުމަތް ލިބެންފެށި ފުރަތަމަ ގައުމު ކަމުގައި ރާއްޖެ ވެއްޖެއެވެ.

ދިރާގުން ބުނީ، 5ޖީގެ ހިދުމަތް ލިބިގެންދާނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ތިން ސަރަހައްދަށެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކާއި، އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކާއި، ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. ދިރާގުން ބުނީ މި ސަރަހައްދުތަކުގައި 5ޖީ ޑިވައިސް ގެންގުޅޭ ފަރާތްތަކަށް އެއްވެސް އިތުރު ޗާޖަކާ ނުލައި އަދި މިހާރު ގެންގުޅޭ ސިމް މެދުވެރިކޮށް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

5ޖީ ގެ ސްޕީޑްް ދައްކާލަނީ

ދުނިޔޭގެ ފޯނު އުފައްދާ ބޮޑު ކުންފުނިތަކާ ގުޅިގެން ރާއްޖޭގެ މާކެޓަށް އެންމެ ފަހުގެ 5ޖީ ސަޕޯޓު ކުރާ ފޯނުތަކާ ޑިވައިސްތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފައި ވާއިރު، މީގެ ދެ ދުވަސް ކުރިން ރާއްޖޭގެ މާކެޓަށް ނެރުނު ވާވޭ މޭޓް އެކްސް ފޯނަކީ 5ޖީ ސަޕޯޓު ކުރާ ފޯނެއް ކަމަށް ވެސް ދިރާގުން ބުނެފައިވެވެ.

ދިރާގުން ބުނީ 5ޖީގެ ހިދުމަތަކީ މިހާރު ދެމުން އަންނަ 4ޖީ ހިދުމަތުގެ ސްޕީޑަށް ވުރެ 10 ގުނަ އަވަސް ހިދުމަތެއް ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ މޮބައިލް ކަނެކްޓިވިޓީގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަވެ، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.