ސައިރިކްސް ކޮލެޖުން ހިންގާ ހިލޭ ޕްރޮގްރާމް 'ދަސްވާރު' ހިންގުމަށް މާލޭގެ 10 ސްކޫލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހްމަދު ޝަރީފް ވިދާޅުވީ، ސައިރިކްސް ކޮލެޖުން މުޅިން ހިލޭ ދަސްވާރު ޕްރޮގްރާމް ހިނގުމަށް މާލޭގެ 10 ސްކޫލަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވީ، އެ ކޮލެޖުން ހިންގާ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ކަމަށެވެ.

ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ސެޓިފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުގައި ފުރަތަމަ ބުރު 80 ދަރިވަރުންނަށް ބައިވެރި ވާނެ ކަމަށެވެ.

ދަސްވާރު ދަރިވަރުންނަށް އައިޓީ ކޯސް އިފްތިތާހް ކުރުމާއި ސައިރިކްސް ކޮލެޖާއި ސްކޫލްތަކާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު ތާޖުއްދީން ސްކޫލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މިކަމުގައި އިސްނެންގެވީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާލޭގެ އެކި ސްކޫލްތަކުގެ އިސްވެރިންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.