އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)އަކީ ސިއްހީ ހާލަތަކެވެ. މި ހާލަތު މެދުވެރިވުމުން ކަންކަމަށް ސަމާލުކަންދެވުމަށް އުނދަގޫވެއެވެ. އެއްތާ މަޑުން އިނުމަށް އުނދަގޫވާގޮތްވެއެވެ. ކަމެއް ކުރުމުގެ ކުރިން ވިސްނާލެވޭ ގޮތެއް ނުވެއެވެ. ވަކި ކަމަކަށް ސަމާލުކަން ދީގެން ގިނަ ވަގުތު އިނުމަށް އުނދަގޫވެއެވެ. އޭޑީއެޗްޑީގެ އެންމެ އަލަމާތްތަކުގެ ތެރޭގައި "ހަލަނި"ކަމާ، ކުއްލިކުއްލި "އައްސިއަރާއޭ" ބުނާ އުސޫލުން އުޅެވޭ ގޮތްވުން ހިމެނެއެވެ. އޭޑީއެޗްއަކީ ގިނަ ޓެސްޓުތަކެއް ހެދުމަށްފަހުގައި ނޫނީ ދެނެ ނުގަނެވޭ ހާލަތަކަށް ވީ ނަމަވެސް، މިއަދު 4 އަކުރުވެފައިވަނީ ބޮޑުވަމުން އަންނަ ތުއްތުކުދިންގެ ކަރުގައި އަޅުވާލެވޭ ލޭބަލަކަށްވެފައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. "ހަލަނިކޮށް" އުޅޭ، ސަކަ މިޒާޖުގެ ކޮންމެ ކުއްޖަކީ އޭޑީއެޗްޑީ ކުއްޖެކޭ ބުނެވިދާނެ ހެއްޔެވެ؟
މި ސުވާލުގެ ޖަވާބަކީ ކޮބައިތޯ ބަލާއިރު، އަދުގެ ދިރިއުޅުމުގެ އާދަކާދައަށް ބަލާލަންވެސް ޖެހެއެވެ. މިއަދު ބޮޑުވަމުން އަންނަ ތުއްތު ކުދިންނާ ކުޑަކުދިންނަކީ ވަރަށް "ބިޒީ" ބައެކެވެ. އަބަދުވެސް ކުރާނެ ކޮންމެވެސް ކަމެއް އޮންނަނީ ތާވަލުކުރެވިފައެވެ. ތާވަލުކޮށްދީފައެވެ. "ފޫހި" މިއީ އެކުދިން ދަންނަ ލަފުޒެއް ނޫނޭވެސް ބުނާހާ "ބިޒީ"އެވެ. އެއްކަންތައް ރަނގަޅަށް ނުނިމި އުޅެނިކޮށް އަނެއްކަންތައް އޮންނަނީ އަރާ ހަމަކޮށްފައެވެ. މަޑުން މައިތިރިކަމާއެކު ތަނެއްގައި ފޫހަރާލައިގެން އިންނާނެ ހަމަ ކުޑަ ވަގުތުކޮޅެއްވެސް އެ ޅަ ސިކުނޑިތަކަކަށް ނެތެވެ.
ކުރާ ކޮންމެ ކަމެއްގައި، އުމުރުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ ކުރީގައި ހުރުމަށް އެކުއްޖާއަށް އޮންނަނީ މަޖުބޫރުވެފައެވެ. އިލޮށިފައްޗެއް ހިފައިގެން ނެތެއްކަމަކު އަދުގެ ގިނަ މައިންބަފައިންނާ ބެލެނިވެރިޔާގެ އިތުރުން މުދައްރިސުންގެ އަތުގައިވެސް އޮންނަނީ ސްމާޓްފޯނެކެވެ. އެދަރިއަކު މިވެނިކަމެއް އެވެނި ކުއްޖަކަށްވުރެ މޮޅަށް ކުރާތީ އެކަން ވީޑިއޯ ކުރަންޖެހެއެވެ. އަލަށް ހިނގަން ފަށައިގަންނަ ކުއްޖެއްގެ ފުރަތަމަ ފިޔަވަޅުތައް ރެކޯޑްކުރުމުގެ ނަމުގައި އެތައް ފަހަރަކު އެކުއްޖާލައްވާ ހިނގަން ޖައްސަނީ މަދު ބައެއްތޯއެވެ؟ ނާސަރީ ރައިމެއް ކިޔަލައިފިނަމަ ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި "މެޑަލްޖަހާލަން" އެކުއްޖާލައްވާ އެލަވަކިއުއްވަން އުޅެނީ ކިތައް މައިންބަފައިންތޯއެވެ؟ މިހުރިހާ ކަމެއްވެސް ގޮސް ގުޅެނީ ކުއްޖާގެ ޅަ ސިކުނޑިއާއެވެ. ހަގީގަތަކީ، އަދުގެ ކުދިން ބޮޑުވަމުން އަންނަ ވެއްޓަކީ އެކުދިންގެ ތުއްތު ތުއްތު ސިކުނޑިތަކަށް ނުތަކާ ވަރަށް މައުލޫމާތާ، ސިގުނަލްތަކުން ބަންޑުންވަމުންދާ ކަނޑަކަށް އެ ވެށި ވެފައިވާކަމެވެ.
އަދުގެ ހާލަތަށް ބަލާލަމާތޯއެވެ. އެންމެ 2 އަހަރު ނުވެގެން އުޅެނިކޮށް ކޮންމެވެސް ކުލާހަކަށް އެންރޯލްކުރެވެއެވެ. ގަޑި ދެގަޑިއިރު އެތަނުގައި ވާދަކުރަންޖެހެއެވެ. ތަންކޮޅެއް ބޮޑުވެލުމުން ނުވަތަ ކިންޑާގާޓެން އުމުރަށް އެޅުމުން ޓިއުޝަނަށްވެސް ދާން މިހާރު އޮންނަނީ ޖެހިފައެވެ. ޖެހިގެން ހުރިގޭ ކަމަނައަށްވުރެ މިގޭ ކަމަނަ މޮޅުވުމަކީ ރަށްވެހިކަން ކަށަވަރުކުރުމަށް ލާޒިމުކަމަކަށް ވެގެން އުޅޭ ކަހަލައެވެ. މިގޮތަށް އެއް ކުލާހުން އަނެއް ކުލާހުން، އެއްތަނުން އަނެއް ތަނަށް ކުއްޖާ ދަމަދަމާ، އެކުއްޖާގެ މުޅި ދިރިއުޅުން ހަލަބޮލިވެގެންދެއެވެ. މިފަދަ ކުދިންގެ ސިކުނޑިތަކުން ކަންކަން ކޮށްލަނީ ހަލުވިކަމާއެކު އަވަސްއަރުވާލައިގެން އުޅޭ ފަދަ ގޮތަކަށެވެ.
ހަށިގަނޑު ތެރެއަށް ޖަމާވަމުންދާ ހަކަތަ ބޭރުކޮށް، ބޭނުންކުރާނެ މާ ބޮޑު ގޮތެއް ކުދިންނަށް ދަސް ނުކޮށްދެވިއުޅެނިކޮށް އެ ހަކަތަ ބޭރުކުރަން އެކުއްޖަކު ހެލިފެލިވެލާ "ހަލަނި"ވެލުމަކުން އެއީ "ތިއުޅެނީ ފަޔަށް ހިނި އަރައިގެންހޭ" އެކުއްޖަކާ ދިމާލަށް ބުނުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ ކުރާ ކޮންމެ ކަމެއްވެސް އަވަހަށް ނިއްމާލަން ނުސީދާ ގޮތުން ނަމަވެސް ހިތްވަރު ދިނީ ޚުދު ބެލެނިވެރިން ނޫންތޯއެވެ. ފާހާނާއަށް ވައްދާ، ދަތް އުނގުޅުވަން ހުންނަވައިރު "އަވަހަށް އަނގަދައްކާ"، "އަވަހަށް އެވެނި މިވެނި ކަމެއް ކުރާށޭ" ބުނެ، ވާދަވެރިކަމުގެ ޖޯޝު އެކުއްޖާގެ އަށަގެންނެވީ ޚުދު ތިބާ ނޫންބާވައެވެ. ނަތީޖާއަކަށްވަނީ މިހާރު މިކިއާ "ޕްލޭސްކޫލަށް" ދާ ކުއްޖާއަކީވެސް ކޮންމެވެސް ކަހަލަ ވާދަވެރިކަމެއްގައި އުޅޭ ކުއްޖަކަށްވުމެވެ.
ވަކި މީހަކީ އޭޑީއެޗްޑީ އަށް ޑައިގްނޯޒްވެފައިވާ މީހެކޭ ބުނުމަށް ސިއްހީ ތަޖުރިބާކާރުންނާ މާހިރުން ބައިވެރިވެގެން ދިގު މުއްދަތެއް ވަންދެން އެކުއްޖަކު ވަރަށް ގާތުން، އެހާމެ ރަނގަޅަށް އޮބްޒާވްކޮށް، ޓެސްޓުކުރެވެއެވެ. ނަފްސާނީ އަދި ސުލޫކީ ޓެސްޓުތަކެއް ހަދަންޖެހެއެވެ. އޭޑީއެޗްޑީއަށް ޑައިގްނޯޒްވުމާއެކު، ނަފްސާ ސުލޫކު ކޮންޓްރޯލް ކުރުމަށް ބޭސްވެސް ފަށައެވެ. ތެރަޕީތައް ފަށައެވެ. މިއީ ކަނޑައިގެންދާ ތަނެއްގައި ބޭސްމަލަންކޮޅެއް އަޅާލާހާ ފަސޭހަ ކަމެއް ނޫނެވެ. އެތައް ވަގުތަކާ ހިތްވަރެއް މިކަމަށް ބޭނުންވާނެއެވެ. ހުރިހާކަމަށްވުރެ ބޮޑަށް ކެތްތެރިކަންވެސް ބޭނުންވާނެއެވެ. ތިބާގެ ދަރިފުޅަކީ އޭޑިއެޗްޑީ ހުންނަ ކުއްޖެއްކަމަށް އަމިއްލައަށް ނިންމޭނެ އެއްވެސް ގޮތެއް ނެތެވެ. ދެވަނަ މީހެއްގެ ލަފާ ހޯދަންޖެހެއެވެ. އެމީހަކީ ކަމާ ގުޅުންހުރި ސިއްހީ ތަޖުރިބާކާރަކަށް ވާންޖެހެއެވެ.
ނަފްސާނީ އިލްމުގެ ރޮނގުން ސަނަދެއް އޮތް ކޮންމެ މީހަކީ މި ނިންމުން ނިންމޭނެ މީހެއް ނޫނެވެ. ކަމާބެހޭ އިދާރާތަކުން ދޫކޮށްފައި އޮންނަ ސިއްހީ ހިދުމަތްތެރިންގެ ލައިސަންސް އޮތުން ލާޒިމެވެ. އެ ނޫން މީހެއްގެ ބަހަކަށް ދަރިފުޅަށް އަދު ދެވޭ "ފަރުވާ"އަކުން އެދަރިފުޅާ ތިބާގެ މުސްތަގުބަލު ބަނަވުން އޮންނާނީ މާ ދުރުގައި ނޫންކަންވެސް ގަބޫލުކުރަންޖެހެއެވެ.
މިގޮލާ މީހަކުދެކެ ނައްޓައިގެން ލިޔެފަ ދޯ މިއޮތީ..؟