އިންޑިއާގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެގައުމުގެ ހައިކޯޓުގެ ބެންޗުގައި އިންނަވާ ފަނޑިޔާރަކާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް ބެލުމުގެ ފުރުސަތު، އެގައުމުގެ ތަހުގީގީ މައި އިދާރާ (ސީބީއައި)އަށް ދިނުމަށް، އިންޑިއާ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީ ހުއްދަ ދެއްވައިފިއެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުގައި، ބެންޗުގައި އިންނަވާ ފަނޑިޔާރަކާ ދެކޮޅަށް މައްސަލައެއް ތަހުގީގު ކުރެވޭނީ އުއްތަމަ ފަނޑިޔާރުގެ ހުއްދަ ލިބިގެންނެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވަނީ އައްލާހްއާބާދުގެ ހައިކޯޓު ފަނޑިޔާރު އެސްއެން ޝުކްލާއާގެ މައްޗަށެވެ. މި ތުހުމަތުތަކަކީ ޕްރައިވެޓް މެޑިކަލް ކޮލެޖަކަށް ފައިދާ ލިއްބައިދެނިވި ގޮތަށް 2017 ވަނަ އަހަރު ފަނޑިޔާރު ޝުކްލާ އަމަލު ކުރެއްވި ކަމަށް ބުނާ ތުހުމަތުތަކެކެވެ.

މިމައްސަލައާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ނުވަތަ އަމިއްލަ އިހުތިޔާރުގައި ރިޓާޔަމަންޓަށް ވަޑައިގަތުމަށް އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިސްރާވެސް ވަނީ ފަނޑިޔާރު ޝުކްލާއަށް ދަންނަވާފައެވެ. ނަމަވެސް އެކަމަށް އިންކާރު ކުރައްވާ ޝުކްލާ ވަނީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް، ޝަރުއީ ދާއިރާގެ ހުރިހާ މައްސޫލިއްޔަތުތަކުން ޝުކްލާ އެކަހެރިކުރެވުނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

އުއްތުމަ ފަނޑިޔާރު ގޮގޯއީ ވަނީ، ފަނޑިޔާރު ޝުކްލާ މަގާމުން ދުރުކުރެއްވުމަށް ގަރާރެއް ނެރެދެއްވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.

ފަނޑިޔާރު ޝުކްލާއާއި ދެކޮޅަށް ފެންމަތިވެފައިވާ ތުހުމަތުތައް އޭނާއާއި ދެކޮޅަށް ސާބިތުވެއްޖެނަމަ މަގާމު ގެއްލޭނެކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.