ގަސްތުގައި މަރާލާފައިވާ މީހުންނާއި، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަނުން ފުރަތަމަ ފަހަރަށް މަރުވި މީހެއްގެ މައްސަލަ ބަލާ އިހުމާލުވާ ފަރާތްތަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
މަރު ކޮމިޝަނުން ފުލުހުންނަށް ފޮނުވީ މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދ. ވާނި، ބުލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލާ ނިންމުމަށް ފަހު، އެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިިވާ ކަަމަށެވެ.
މަރު ކޮމިޝަނުން މި މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިއީ އެ ކޮމިޝަނުން ބަލަމުން އަންނަ 25 މައްސަލައިގެ ތެރެއިން އެއް މައްސަލައެވެ. އެ ކޮމިޝަނުން އަންނަނީ ފެބްރުއަރީ 2012 އިން ފެށިގެން މިދިޔަ އަހަރުގެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމާ ހަމައަށް ހިނގާފައިވާ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި މީހުން ގެއްލުމު މައްސަލަ ބަލަމުންނެވެ.
އޭގެ ތެރޭގައި ރަހުމްކުޑަގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލުވާލާފައުވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލަ ހިމެނެއެވެ.
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު މިދިޔަ މަހު ރައީސް ސޯލިހު ވަނީ ތަސްދީގުކުރައްވާފައެވެ. މި ބިލަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސަށް ލަފާ ދިނުމަށް ރައީސް އުފައްދަވާ ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭ ގޮތާއި، އެކޮމިޝަންތަކުގެ ބާރުތަކާއި، މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.
މި ބިލުގެ މަގްސަދަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސަށް ލަފާދިނުމަށް ރައީސް އުފައްދަވާ ކޮމިޝަންތަކުގެ ބާރުތަކާއި އެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭނެގޮތް ބަޔާންކުރުމެވެ.