ސިއްހީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ރާވާފައި ހުރި ކަންތައްތަކުގެ ތެރެެއަށް ކޮރަޕްޝަން ވަދެފައިވާ އިރު، އާސަންދަ ފަދަ ނިޒާމުތައް އޭގެ ހަގީގީ މަގުސަދު ހާސިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން، އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަަމަށެވެ. އަދި އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެން ކަމަށާއި ބޭސްކުރަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބ. އަތޮޅު ތުޅާދުއަކީވެސް ސިއްހީ ހިދުމަތް ތަރައްގީ ކުރަން ޖެހިފައި އޮތް ރަށެއްކަމަށެވެ. އަދި މި ހިދުމަތްތައް ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ތުޅާދޫގެ ސިއްހީ މަރުކަޒުވެސް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރެވި ހޮސްޕިޓަލެއްގެ ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ހިދުމަތްތައް ތައާރުފްވެގެން ދާއިރު، އާއިލީ ފެންވަރުގަޔާއި ފަރުދީ ފެންވަރުގައި ވެސް، ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ. އަދި އެއީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަތައްވެސް އެތައް ގުނައެއް މަދުވާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ވެސް، ރައްޔިތުން އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވާ އުފާވެރި ދިރިއުޅުން ފެނިވަޑައިގަންނަވާނީ އެއިރުން ކަމަށް ރައީސް ވިދާޅުވިއެވެ.