ބަންގްލަދޭޝްގެ ތާރީހުވެސް ނުދެކޭހާ ނުރައްކާތެރި ދަރަޖައަކަށް އެގައުމުގައި ހަލުވިކަމާއެކު ޑެންގޫ ހުން ފެތުރެމުންދާކަމަށް ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑެންގޫ ހުން ޖެހިގެން 24 ގަޑިއިރު ތެރޭގައި 1000އަށްވުރެ ގިނަ ޕޭޝަންޓުން ވަނީ ރެކޯޑް ކުރެވިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާ ހިސާބަށް އައިއިރު ޑެންގޫ ހުން ޖެހިގެން ބަންގްލަދޭޝްއިން 13600 އަށްވުރެ ގިނަ ޕޭޝަންޓުން ރިޕޯޓްކޮށްފައިވާއިރު، މީގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ބޮޑު ބައެއް ހިއްސާކުރަނީ ނިމިގެން މިދާ ޖުލައި މަހު ކުރި ރިޕޯޓްތަކެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ އެސިސްޓަންޓް ޑައިރެކްޓާ ޢާއިޝަތު އަޚުތަރު ވިދާޅުވީ، 50 ޑިސްޓްރިކްޓަކަށް މި ހުމުގެ އަސަރުކޮށްފައިވާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ޑާކާއަށެވެ. އެގޮތުން ބަލި މީހުން އެޑްމިޓްކޮށްފައި ބާއްވައިގެން ފަރުވާދޭނެ ތަންކޮޅެއް ހޯދުމަށް ދަތިވާ ދަރަޖައަށް ބަލި ފެތުރެމުންދާކަން އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ތަފާސް ހިސާބުތައް ބުނާ ގޮތުގައި އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން ބަޔަކަށް ޑެންގޫ ހުން ޖެހޭއިރު ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 500000 އަށް އަރައެވެ. އަދި މީގެ ތެރެއިން 12500 މީހުންނަކީ މި ބަލީގައި މަރުވެދާ މީހުންކަމަށްވެސް ޑަބްލިއު.އެޗް.އޯގެ ރެކޯޑްތަކުން ދައްކައެވެ.

ބަންގްލަދޭޝްގެ ރައްޔިތުންނަކީ އެކި ބޭނުންތަކަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ބަޔަކަށްވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކަށް މި ހުން ފެތުރިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ޑެންގޫ ހުމާ ގުޅިގެން ފިލިޕީންސްއިންވެސް މިމަހު ވަނީ އެލާޓް ނެރެފައެވެ.

ދާދިފަހުން ކުރި ދިރާސާއެއްގެ ހޯދުންތައް ބުނާ ގޮތުގައި ދުނިޔޭގެ ފިނިހޫނުމިން އުފުލިގެންދާ ދިއުމަކީ ޑެންގޫ ޖައްސާ އީޑީޒް އަންހެން މަދިރީގެ އާބާދީ އިތުރުވުމަށް އޮތް ސަބަބެކެވެ. މީގެ އިތުރުން ޗިކުންގުންޏާއާއި ރީނދޫ ހުމާ ޒިކާއަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދެއެވެ.