އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިއަދު ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 23 މައްސަލައަކާއި 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 172 ފުޅި ބަނގުރަލާއި 19 ޕެޓް ފުޅިއާއި 112 ބިއަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 20 އައިޓަމެކެވެ. އަދި ޖުމްލަ 25،000 ގްރާމްގެ މަސްތުވާތަކެތި ވެސް މިއަދު ވަނީ ނައްތާލާފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ.

މިއަދު ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި މަސްތުވާތަކެއްޗެވެ.

އެގޮތުން މިދިޔަ ޖޫން މަހު 26 ވަނަ ދުވަހު ވަނީ 2014 ވަނަ އަހަރު ޖެނުއަރީ އިން ފެށިގެން، މިއަހަރު ޖޫން މަހުގެ ނިޔަލަށް އަތުލައިފައިވާ މަސްތުވާތަކެތިން ޝަރީއަތަށް ކޮންމެހެން ބަހައްޓަން ޖެހޭ މިންވަރު ފިޔަވާ، އެހެން ހުރިހާ އެއްޗެއް ނައްތާލާފައިވާނެ ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިދިޔަ ޖޫން 26 ގައި ފުލުހުން ވަނީ 419.61 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ. މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިއީ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ޕްރޮގްރަމަށް އިސްކަންދޭ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.