މިއަދު ހަވީރު މާލެ ވަށައިގެންވާ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އަތުގުޅާލުމުގެ ހަރަކާތަށް މަގުތައް ބައެއް ބަންދކުރަނީ، މިއަދު ހަވީރު 4:30 އިން ފެށިގެން 6:30 ގެ ނިޔަލަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މާލެ ވަށައިގެންވާ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ދެ ފަރާތަށް ދުއްވޭ ބައެއް މަގުތަކުގައި އެއް ފަރާތަށް ދުއްވޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އަތުގުޅާލުމުގެ ހަރަކާތް ބޭއްވުމަށް ހަވީރު 4:30 އިން 6:30 އަށްބަންދުކުރާ މަގުތައް

ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑްގައި ބާއްވާ އަތުގުޅާލުމުގެ ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށާއި، ހަރަކާތުގައި ބައިވެރިވާން އަންނަ ފަރާތްތަކުން ގައުމީ ކުލައެއްގެ ހެދުމުގައި އައުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީ އެދިފައެވެ. އަދި މި ހަރަކާތް ކުރިއަށްދާ ވަގުތު މި ހަރަކާތުގެ ހުރިހާ ބައިވެރިންނަށް ގައުމީ ދިދަ ފޯރުކޮށްދޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އަތުގުޅާލުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް މަގު ބަންދުކޮށްފައިވާ ވަގުތުތަކުގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތް އަދި އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.