އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވެރިކަން ކުރާ ބީޖޭޕީ ތަމްސީލުކުރައްވަމުން ގެންދެވި މެމްބަރު ކުލްދީޕު ސިންގާރާ ދެކޮޅަށް ރޭޕްގެ ދައުވާ އުފުލި އަންހެން ކުއްޖާއާއި އޭނާގެ އާއިލާ ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓްވެ، ބަޔަކު މަރުވި ހާދިސާއާއި ގުޅިގެން މެމްބަރާ ދެކޮޅަށް ގަސްތުގައި މީހަކު މެރިކަމުގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

2017 ވަނަ އަހަރުގެ ރޭޕް ކޭސްއާއި ގުޅިގެން ކުލްދީޕްއާއި ދެކޮޅަށް ދައުވާ ކުރަމުންދާ އަންހެން ކުއްޖާއާއި އޭނާގެ އާއިލާއިން އެ އަންހެން ކުއްޖާގެ ބޮޑުބޭބެއަކާ ބައްދަލުކުރުމަށް ދަތުރުކުރަމުންދިޔަ ކާރާ ޓްރަކެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަންހެން ކުއްޖާގެ ދެ ބޮޑު ދައިތައެއް ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ރޭޕް ކޭސްގެ ހެއްކެއް ހިމެނޭއިރު، އަންހެން ކުއްޖާއާއި އޭނާގެ ވަކީލަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

މަރުގެ މައްސަލައެއް ކުލްދީފާ ދެކޮޅަށް ބަލަން ފަށާފައިވާއިރު، އޭނާ މިހާރުވެސް ހުރީ ރޭޕްގެ މައްސަލައާއި ގުޅިގެން ޖަލުގައެވެ. ރޭޕްގެ އަމަލު ހިންގިއިރު އަންހެން ކުއްޖާއަކީ 17 އަހަރުގެ ކުއްޖެއްކަމުން ކުލްދީފާ ދެކޮޅަށް ފުރަތަމަ ދައުވާ އުފުލާފައިވަނީ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ކުށުގައެވެ. ނަމަވެސް އޭނާ ދަނީ ތަކުރާރުކޮށް މި ދައުވާއަށް އިންކާރު ކުރަމުންނެވެ.

އަންހެން ކުއްޖާގެ ބައްޕައާއި ދެކޮޅަށްވެސް އެހެން މައްސަލައެއް ފެންމަތިކޮށް ޖަލަށް ގެންދިއުމަށްފަހު ތަޅާއަނިޔާކޮށްގެން މަރާލާފައިވާއިރު މިކަމުގެ އިލްޒާމުވެސް އެޅެނީ ކުލްދީފްގެ ބޭބެއެއްގެ ބޮލުގައެވެ.

އިންޑިއާ ފުލުހުން ބުނީ ކާރު އެކްސިޑެންޓްގެ މައްސަލަ އެންމެ ފުރަތަމަ ބަލަން ފެށީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ކަމަށާ، ނަމަވެސް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާ، އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރަމުންދާ ފިއްތުންތަކާއެކު މިމައްސަލަ ސީރިއަސްކޮށް ބެލުމަށް ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކޮށްފައިވާކަމަށެވެ.