އިންޑިއާގައި ހަލުވިކަމާއެކު ފުޅާވަމުން އަންނަ، އޮންލައިންކޮށް ކާބޯތަކެތި ޑެލިވާ ކުރާ ވިޔަފާރީގެ ތެރެއަށް މިއަހަރު ތެރޭގައި އެމޭޒަން ކުންފުނިން ވަންނާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމޭޒަން ކުންފުނިން އަދި ރަސްމީ ސިފައެއްގައި މިކަން އިއުލާންކޮށްފައި ނުވާއިރު، މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ދެ މަސްދަރަކުން މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދައްކަމުން ބުނީ، އިންޑިއާގެ އޮންލައިން ފުޑް ޑެލިވަރީ މާކެޓުގައި ހަރަކާތްތެރިވުމަށް ބޭނުންވާ މުވައްޒަފުން ހޮވުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމޭޒަން ކުންފުނިން އިންޑިއާގައި މިހިދުމަތް ދެނީ އައިޓީ ސިނާއަތުގައި މަޝްހޫރު ނާރަޔާނާ މުރުތީގެ "ކެޓަމަރާން" ކުންފުނި މެދުވެރިކޮށެވެ.

މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންގެ އާބާދީ އިތުރުވަމުން ދިއުމާއެކު، އޮންލައިންކޮށް ކާބޯތަކެއްޗަށް އޯޑަރު ދިނުމުގެ ވިޔަފާރި އިންޑީއާގައި އަންނަނީ ފުޅާވަމުންނެވެ. މިހާރުވެސް މި ހިދުމަތްދެމުންދާ އިންޑިއާގެ ކުންފުނިތަކެއް އެގައުމުގައި ހަރަކާތްތެރިވަމުންދާ އިރު، އެމޭޒަން ކުންފުނިން މި ކަމުގެ ތެރެއަށް ވަދެގެން ވިޔަފާރީގެ ފައިދާ ލިބޭނެ ގޮތެއް ލަފާކުރަން އަދި ދަތިކަމަށް މުރާސިލިން ބުނެއެވެ. އޫބާ ޓެކްނޮލޮޖީޒުން ވެސް 2017 ވަނަ އަހަރު އިންޑިއާގެ އޮންލައިން ފުޑް ޑެލިވަރީގެ މާކެޓަށް ވަތް ނަމަވެސް، އިންޑިއާގެ އަމިއްލަ ކުންފުނިތަކާ ވާދަކުރެވޭ ގޮތް އޮތީ ނުވެފައެވެ.

އެމޭޒަން ކުންފުނިން އެމެރިކާގައި ދެމެދުން ދިޔަ އޮންލައިން ފުޑް ޑެލިވަރީގެ ހިދުމަތް މިދިޔަ މަހު ވަނީ ހުއްޓާލާފައެވެ.