ޑައިވިން އަށް ގޮސް އުޅެނިކޮށް އައްޑޫ ހިތަދޫ އަށް ނިސްބަތްވާ މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ސ.ހިތާދޫ، ވައިލެޓް ވާދީ ހުސެއިން ޒިޔާދެވެ. ހުވަދު އަތޮޅުގައި މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މި މީހާ މަރުވީ ޑައިވިން އަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި، ޒިޔާދު އެންދަމަން ފޭބީ މެންދުރު 2:45 ހާއިރު ކަމަށެވެ. އަދި ޑައިވިންއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ދޯނީގައި ތިބި މީހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ.

ފުލުހުން ބުނީ ޑައިވިންއަށް ފޭބިފަހުން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މަސްވެރިކަން ކުރާ ދޯނީގެ ކެޕްޓަން ކަމަށާއި، އޭނާ ޑައިވް ކުރުމަށް މޫދަށް ފޭބީ ގދ. ކޮނޮއްޓާ ކައިރީގައި ތިލަޔަކުން އެންދަމަން ކަމަށެވެ. އަދި އޭނާގެ ހަބަރެއް ނުވެގެން ދޯނީގައި ތިބި ދެމީހުން އޭނާ ހޯދުމަށް މޫދަށް ފައިބާ ބެލި އިރު އޭނާ މޫދު އަޑީގައި އޮއްވާ ފެނިގެން ނެގީ މިއަދު އިރުއޮއްސި 6:01 ހާއިރު ކަމަށެވެ. އަދި ގދ.ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ބުނާއިރު، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޑައިވިންއަށް ފޭބި ފަހުން ހޯދަމުން ދަނިކޮށް މަރުވެފައި އިއްވާ ފެނުނު ޒިޔާދުގެ ހަށިގަނޑު މިރޭ ފަތިހުގެ ވަގުތެއްގައި ފުލައިޓެއްގައި މާލެ ގެނައުމުގައި މަސައްކަތް އާއިލާއިންދަނީ ކުރަމުންނެވެ.