ދޭތެރެ ދުރުކުރުމަށް ހުންނަ އެކި އާލާތްތަކުގެ ތެރެއިން ގަވައިދުން އިމްޕްލަނޮން ބޭނުން ކުރަމުން އައި އަންހެނެއްގެ އަތަށް ލެއްވި އިމްޕްލަނޮން ޑިވައިސް، އޭނާގެ އަތު ތެރެއިން ލާފައި ގޮސް ފުއްޕާމެއަށް ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިހާދިސާ ކުރިމަތިވީ، އުމުރުން 31 އަހަރުގެ އަންހެނަކަށެވެ. ޕޯޗުގަލްއަށް ނިސްބަތްވާ މި އަންހެން މީހާ ޑޮކްޓަރަށް ދެއްކީ، 3 މަސްދުވަސް ވީއިރުވެސް "ޙައިޟުގެ ލޭ" ކަމަށް ހީކުރި ލޭ އައުން ނުހުއްޓިގެންނެވެ. ޑޮކްޓަރުން ބެލި ބެލުމުން، އޭނާގެ ވާތަށް ލެއްވި އިމްޕްލަނޮން އެ ސަރަހައްދުގައި އިން ކަމަކަށް ނުދެއްކިއެވެ.

އިމްޕްލަނޮން ދަތުރުކޮށްފައިވަނީ އޭނާގެ ފުއްޕާ މެޔަށެވެ. ވީޑިއޯގެ އެހީގައި މޭގެ ސާޖަރީއެއް ހަދައިގެން އިމްޕްލަނޮން ނަގާފައިވާއިރު، އޭގެ ފަހުން އެއްވެސް މައްސަލައެއް އޭނާއަށް ކުރިމަތިވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

އަލިފާންދަނޑިއެއްގެ މިނަށް، ރޮޑެއް ގޮތަށް އޮންނަ އިމްޕްލަނޮން، ހަށިގަނޑުގެ ތެރޭގައި ދަތުރުކުރުމަކީ މަދުން ނޫނީ ދިމާނުވާ ކަމެކެވެ. ހޯދުންތަކުން އެނގިފައިވާ ގޮތުގައި މިކަން މެދުވެރިވަނީ އަތުގެ މާ ފުން ހިސާބަކަށް މި ޑިވައިސް ލެއްވޭ ގޮތްވެ، ނާރެއްގެ ތެރެއަށް ވެއްދޭ ގޮތް ވުމުންނެވެ. މީގެ އިތުރުން މާ ގަދައަށް ކަސްރަތުކޮށް ހަދާނަމަވެސް މި ޑިވައިސް ގުޑާ، ދަތުރުކުރާ ގޮތްވެއެވެ.

އިމްޕްލަނޮން ލެއްވުމަށްފަހު ޙައިޟުގެ ދުވަސްތައް ދިގުލާ ދާނަމަ ނުވަތަ ޙައިޟުގެ ލޭ ނާންނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިންގެ ލަފާ ހޯދަންޖެހޭނެއެވެ.