މިނިކާވަގު ޖަނަވާރުގެ އާބަދީއަށް މިވަގުތު ދުނިޔެ މަތީގައި އޮތް އެންމެ ރައްކާތެރި މަންޒިލަކަށް އިންޑިއާ ވެފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގައި އުޅޭ މިނިކާވަގު ޖަނަވާރުގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާ އިންޑިއާ ޓައިގާ ސެންސަސް ރިޕޯޓް 2018 ނެރެދެއްވާ، ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ދުނިޔޭގެ މިނިވަކާވަގުގެ އާބާދީ 2 ގުނަ އިތުރު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައެޅި އަމާޒަކީ 2022 ކަމަށާ، ނަމަވެސް އިންޑިއާއިން އެ އަމާޒު ހަސިލުކޮށްފައިވަނީ 4 އަހަރު އަވަހަށްކަމަށެވެ.
އިންޑިއާ ޓައިގާ ސެންސަސް ރިޕޯޓް 2018 ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން 2967 މިނިކާވަގު ވަނީ ފެނިފައެވެ. 2014 ވަނަ އަހަރު މި އަދަދު އުޅުނީ 2226 ގައެވެ.
ސަލްމާން ހާންގެ އެކްޓިންގް ފެނިގެންދާ ބޮލީވުޑް 2 ފިލްމެއް ކަމަށްވާ "އޭކް ތާ ޓައިގާ" އާއި "ޓައިގާ ޒިންދާ ހޭ"އަށް މިސާލު ޖައްސަވަމުން މޯދީ ވިދާޅުވީ، މިނިކާވަގު ހިމާޔަތްކޮށް އެ ސޮރުމެންގެ އާބާދީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ މި ފަދަ ފިލްމުތަކާ ހިސާބުން ނިންމާލެވިގެން ނުވާނެ ކަމަށެވެ.