ފުލުހަކަށް އިންޒާރު ދިން ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު މައިމޫން މުހައްމަދު ދޮގުކުރައްވައިފިއެވެ.

މައިމޫން ވިދާޅުވީ، އެއްވެސް ފުލުހަކަށް އިންޒާރު ނުދޭ ކަމަށާ، މިދިޔަ ޖޫން މަހު 23 ވަނަ ދުވަހު، ދަންވަރު 1:00 ހާއިރު އޭނާގެ ލައިސަންސް ކާޑް ހިފެހެއްޓީ ފުލުހަކާ ވާހަކަ ދެއްކެވި ހަރުކަށި ގޮތް ފުލުސް މީހާއަށް ކަމުނުގޮސްގެން ކަމަށެވެ. މައިމޫން ވިދާޅުވީ، މި މައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ މަހު 23 ވަނަ ދުވަހު 23 އަހަރުގެ ދިވެހި ފިރިހެނަކު ސައިކަލް ދުއްވަމުން މުވާސަލާތީ ވަސީލަތެއް ބޭނުން ކުރުމާ ގުޅިގެން ލައިސަންސް ހިފެހެއްޓި ކަމަށެވެ. އަދި ލައިސަންސް ހިފެހެއްޓި މައްސަލާގައި އޭނާ ފުލުހުންނަށް އިންޒާރުދީ ބިރު ދައްކަން މަސައްކަތް ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް މައިމޫން އައްޔަން ކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.