ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޯލްޑިވްސް ވޯޓާ އެންޑް ސިވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ފާރުގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:00 ހާއިރު ހުޅުމާލެ ބޯށިމާ ހިނގުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެެ. ފުލުހުން ބުނީ، މި ހާދިސާގައި އެކްސިޑެންޓްވީ، ހުޅުމާލެ ބޯށިމާ ހިނގުމުން އިރުން ހުޅަނގަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި، ކާރު ދުއްވަން އިނީ އުމުރުން 22 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަތުގައި ލައިސެންސް ނެތް ކަމަށެވެ. މި ހާދިސާގައި އެމްޑަބްލިއުއެސްސީގެ ފާރަށާއި، ކާރުގެ ކުރީ ކޮޅަށް ބޮޑެތޮ ގެއްލުންތައް ލިބިފައިވާއިރު، ކާރު ދުއްވަން އިން ޒުވާނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިހާދިސާގައި ކޮންޓްރޯލް ނުވެ ގޮސް އެމްޑަބްލިއުއެސްސީގެ ފާރަށް އަރާފައި ވަނީ ފޯޑް ބްރޭޑްގެ ކާރެކެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ހިނގާ މިފަދަ އެކްސިޑެންޓްތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު މާލެ ހުޅުމާލެ ލިންކް ލިންކްރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ގޮސް ހައިވޭގެ ޑިވައިޑާ ތަކުގައި ޖެހި ޑިވައިޑާ ހަލާކުވެފައިވެއެވެ. މި މައްސަލައިގައި އެ ކާރު ދުއްވަން އިން މީހާގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ހިފަހައްޓާފައިވާއިރު، ލައިސަންސް ހިފެހެއްޓުމުގެ އިތުރުން އެކްސިޑެންޓްވި ވަގުތު ކަމާބެހޭ ފަރާތްތަކަށް ނާންގައި ފިލާފައިވާތީ އޭނާ ޖޫރިމަނާކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާލައިގެން ގޮސް މެރިން ރިސާޗް ސެންޓަރުގެ ފާރުގައި ޖެހިފައިވެއެވެ. މިހާދިސާގައި ވެސް ކާރު ދުއްވި މީހާގެ ލައިސަންސް އެއް އަހަރާ 6 މަސް ދުވަހުގެ މުއްދަތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހިފަހައްޓާފައެވެ.