އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ އިސް ޑައިރެކްޓަރު ޑެނިއަލް (ޑޭން) ކޯޓްސް މަގާމުން ދުރަށް ޖެހިވަޑައިގެންފިއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެ ގައުމުގެ ސަރުކާރުން ވަކިވެވަޑައިގަންނަވަމުންދާ އިސް އޮފިޝަލުންގެ ސަފާ އެންމެ ފަހުން ގުޅިވަޑައިގެންނެވި އޮފިޝަލެވެ.

މަގާމުން ދުރަށްޖެހިވަޑައިގެންނެވި ޑޭން ކޯޓްސް ރަސްމީކޮށް އިސްތިއުފާދެއްވާނީ އަންނަ އޯގަސްޓް މަހުގެ މެދެއްހާ ހިސާބުގައި ކަމަށާ، އެ މަގާމަށް ދެން ނޮމިނޭޓްކުރައްވާނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޓެކްސަސްގެ މެމްބަރު ޖޯން ރެޓްކްލިފްކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޓްރަމްޕްއާއި ކޯޓްސްއަކީ ދޭތެރެ ދޭތެރެއިން އެކި މައްސަލަތަކުގައި ހިޔާލުތަފާތުވާ ދެ ބޭފުޅުންނެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއާއި ގުޅުންހުރި މައްސަލަތަކުގައި މިކަން ވަކިން ބޮޑު ކަން މުރާސިލުން ފާހަގަކުރެއެވެ.

ކޯޓްސްގެ މެންޑޭޓްގެ ތެރޭގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ގޮތުގައި ހިންގާ 17 އިދާރާއެއް ބެލެހެއްޓުން ހިމެނޭއިރު، އޭގެ ތެރޭގައި ސީއައިއޭއާއި އެންއެސްއޭވެސް ހިމެނެއެވެ.

ޓްރަމްޕަށް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީފުޅުގައި ކޯޓްސް ވިދާޅުވީ، އޭނާގެ ބެލުމުގެ ދަށުން އެމެރިކާގެ ޖާސޫސީ އިދާރާގެ ކަންކަން އިހުނަށްވުރެ އެތައް ގުނައެއް ހަރުދަނާވެ ފުރިހަމަވެފައިވާކަމަށާ، އެހެންކަމުން މިއީ ދިރިއުޅުމުގެ ދެން އޮތް ބާބާއިގެން ކުރިއަށްދާންވީ ވަގުތު ކަމުގައި ގަބޫލުކުރައްވާކަމަށެވެ.