ސުލްހަ އެބަ އަންނަ ކަމަށާ، ތޯލިބާނު ހަނގުރާމަވެރިންނާއެކު ސުލްހައިގެ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ވިދާޅުވަމުން އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ، ރިޔާސީ ކެމްޕޭން ރޭސް ފައްޓަވައިފިއެވެ.

2 ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު ސެޕްޓެމްބަރު 28 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގައި އަޝްރަފު ޣަނީގެ އިތުރުން 17 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ޣަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތޯލިބާނުންނާއެކު ސުލްހައިގެ ސީދާ މަޝްވަރާތައް ފެށިގެން ދާނެ ކަމަށް ޣަނީގެ ޕީސް މިނިސްޓަރު ޢަބްދުއްސަލާމް ރާޙިމީވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިދަނޑިވަޅަކީ ތޯލިބާނު ހަނގުރާމައިގެ އިތުރުންވެސް ގިނަ މައްސަލަތަކެއް އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން ޖިނާއީ ކުށްކުރުން އިންތިހާއަށް އިތުރުވެފައިވުމާ، ކުރިއެރުމެއް ނުލިބި އިގުތިސޯދު ހީނަރުވެ ފަނޑުވުމާ، ވަޒީފާ ނުލިބުމުގެ މައްސަލަތައް އިތުރުވުމުގެ ގައުމުގެ އުމްރާނީ ބިނާވެށި ކުނޑިކުނޑިވުން ފަދަ ބޮޑެތި މައްސަލަތަކެއް އަފްޣާނިސްތާނަށް ވަނީ ކުރިމަތިވެފައެވެ.

މިފަދަ ހާލެއްގައި އަފްޣާނިސްތާނު ވަނިކޮށް ތޯލިބާނުންނާއެކު ސުލްހައިގެ މަޝްވަރާތައް ކާމިޔާބު ކުރެވިއްޖެނަމަ އެކަން ވާނީ އަފްޣާނިސްތާނުގެ ސަރުކާރަށް ހޯދޭ ބޮޑު ކުރިއެރުމަކަށެވެ. އަފްޣާނިސްތާނުގެ މައި ސަރުކާރާކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ބުނެ، ތޯލިބާނު ޖަމާއަތުން ދަނީ އަފްޣާނިސްތާނުގެ ސަރުކާރާއެކު ސުލްހައިގެ މަޝްވަރާގެ މޭޒުދޮށަށް ހާޒިރުވުމަށް އިންކާރު ކުރަމުންނެވެ. އަފްޣާނިސްތާނުގެ ދެބައިކުޅަ އެއްބައިހާ ބޮޑު ސަރަހައްދަކަށް ނުފުޒޫ ފޯރުވާ، ކޮންޓްރޯލް ނަގާފައި ވަނީވެސް ތޯލިބާން ޖަމާއަތުންނެވެ.