"އަހަރަމެންނަކީ މައުސޫމު ބައެއް" މިއީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އަލީ މުޙައްމަދު ބާތު، އޭނާގެ ޑައިރީގައި ލިޔެލި އިބާރާތެވެ. އޭނާއަކީ އިންޑިއާގެ ރާޖަސްތާން ސްޓޭޓްގެ ކޯޓަކުން އުމުރު ދުވަހުގެ މަރުގެ ހުކުމް އިއްވި 6 މީހުންގެ ތެރެއިން އެކަކެވެ. މި 6 މީހުންގެ ތެރެއިން 5 މީހުންނަކީ ކަޝްމީރަށް ނިސްބަތްވާ މީހުންނެވެ.
"އެމީހުންނަށް އަހަރަމެންނާ ދެކޮޅަށް އެއްވެސް ހެއްކެއް ނުދެއްކުނު. ފުލުހުންވެސް ކޯޓުގައި ބުނީ މި ތިބަ ކަޝްމީރު މީހުންނަކީ މައުސޫމު ބައެކޭ". 1996 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު، ރާޖަސްތާނުގެ ސަމްލެތީ އަވަށުގައި ދިން ބޮމުގެ ހަމަލާއާއި ހަވާލާދީ ބާތު ލިޔަމުންދިޔައެވެ. އެ ހާދިސާގައި 14 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އިންޑިއާގެ ފުލުހުން ބުނާ ގޮތުގައި މި ހަމަލާއަކީ ޖައްމުއާއި ކަޝްމީރު ލިބަރޭޝަން ފްރަންޓްގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ދިން ބޮމުގެ ހަމަލާއެކެވެ. އަދި ހައްޔަރުކޮށްފައި ތިބި 6 މީހުންނަކީ އެ ޖަމާއަތާ ގުޅުންހުރި މީހުންނެވެ. ޖަލުގައި ތިބީ ކަފާލާތު ދަށުންވެސް މިނިވަންކަން ނުލިބޭ ގޮތަށެވެ. ޕެރޯލްގެ ދަށުންވެސް ލުޔެއް ލިބޭކަށް ނެތް ހާލުގައެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، ބާތުއާއި އޭނާއާއިއެކު ދެން ތިބި 5 މީހުންނަކީ މައުސޫމުބައެއް ކަމުގައި ރާޖަސްތާނުގެ ހައިކޯޓުން ކަނޑައެޅި ނިމިގެން މިދާ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. މިއާއެކު އެމީހުން މިނިވަން ކުރުމަށް އަމުރު ނެރެވުނެވެ. ނަމަވެސް އިތުރު ބޮމުގެ ހަމަލާއަކާ ގުޅުންހުރި 1 ހައްޔަރުކޮށްފައި އަދިވެސް އެބަހުއްޓެވެ. އެއީވެސް ކަޝްމީރުގެ މީހެކެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބާތު ހައްޔަރުކުރީ އޭނާގެ އުމުރުން އެންމެ 24 އަހަރުގައެވެ. ޒުވާންކަމުގެ ވިންދު އެންމެ ގަދައަށް ޖަހަމުންދިޔަ ދުވަސްވަރުއެވެ. މިއަދު އޭނާގެ އުމުރު 50 އާއި ގާތް ކުރަނީއެވެ. ޖަލުން ދޫކޮށްލުމާއެކު އެންމެ ފުރަތަމަވެސް ބާތު ދިޔައީ އޭނާގެ މައިންބަފައިން ވަޅުލާފައިވާ ގަބުރުސްތާނަށެވެ. އެ ދެމީހުންވެސް މި ދުނިޔެއާއި ވަކިވެގެންދިޔައީ އޭނާ ޖަލުގައި އޮއްވައެވެ.
ބާތަށް އޭނާގެ އިހުސާސްތައް ހިފަހައްޓާލެވުނީ އޭނާގެ ބައްޕަގެ މަހާނައާއި ހިސާބަށް ދެވެންދެކަށެވެ. ބައްޕަގެ ފަރާތުން އެންމެ ލަފުޒެއްވެސް އަޑުއިވިދާނެ ކަމުގެ އުއްމީދުގައި، ބާތު އޭނާގެ ހިތުގެ ކެކުޅުންތައް ބަންޑުންކޮށްލިއެވެ. މިމަންޒަރުތައް މިހާރުވެސް ސޯޝަލް މީޑިއާގައި އެބަހުއްޓެވެ.
ބާތު އޭނާގެ އާއިލާ ގާތަށް ދިޔައީ މިދިޔަ ބުދަ ދުވަހުއެވެ. ސްރީނަގަރުގައި އޭނާގެ އާއިލާ ދިރިއުޅެމުންދާއިރު މިއަދު އެއީ އޭނާއަށް ބިރައްޓެހި އަވަށްގަނޑެކެވެ.
"އަހަރެންނާ ބައްދަލުކޮށްލަން މީހަކު އައިމަ އެމީހަކާ ސަލާމްގަލާންކޮށް ހަދަން. އެކަމަކު އެއީ ކޮންނަމެއް ކިއާ ކާކުކަމެއްވެސް އަހަރެންނަކަށް ނޭނގޭ" ބާތު ކިއާދިނެވެ.
ބާތުގެ ބޭބެއެއްގެ ފޯނަށް ކޯލެއް އައުމުން އެ ފޯނު ނަގާ، ބާތު އަތަށް ދިނީ އެ ބޭބެއެވެ. ފޯނުން ވާހަކަ ދައްކަން އެނގުނެއް ކަމަކު، ފޯނު ކަނޑާލާނެ ގޮތްވެސް ބާތަކަށް ނޭނގުނެވެ. ދެން ދިމާވީ އަދި މާ ހިތްދަތި ގޮތެކެވެ. ގޭގެ މަޑު ގޮދަޑީގައި ނިދޭ ގޮތެއް ނުވިއެވެ. ބާތުގެ ހަށިގަނޑު މިހާރު އާދަވެފައިވަނީ ސިމެންތި އަށީގައި ނިދުމަށްކަމަށް އޭނާ ބުނެއެވެ.
1996 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅަށް ޖެހިލަމާތޯއެވެ. ބާތުގެ އާއިލާއިން އެންމެ ގަދައަށް ދައްކަމުންދިޔައީ އޭނާގެ ކައިވެނީގެ ވާހަކައެވެ. ނަމަވެސް އޭރު ބާތު ހުރީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައެވެ. އެއީ ކަޝްމީރު މީހުން ތައްޔާރުކުރާ ކާޕެޓްތަކުގެ ވިޔާރީގައެވެ. އާދައިގެ ކުލަ ހެދުމުގައި ތިބި ފުލުހުން ބާތު ހައްޔަރުކޮށް، 23 އަހަރު ހޭދަކުރި ޖަލުގެ ކުޑަ ގޮޅިއަށް އޭނާ ގެންދިޔައީވެސް އެތަނުގައި ހުއްޓާއެވެ.
"ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވަމުންދާ ކޮންމެ ފަހަރަކުވެސް ހިތަށް އަރާ ހައްޔަރުކުރީ އެކަން ކުރި މީހުންނޭ. އެކަމަކު އެއީ އަހަރެން ހައްޔަރުކުރުމާ ހަމައަށް. އަހަރެން ހައްޔަރުކުރި ހިސާބުން އެނގުނީ ހަގީގަތަކީ ކޮބައިކަން" ބާތު ކިއާދިނެވެ.
ބާތުއަށް މިއަދު ވަކިވަކުރަން އެނގެނީ އާއިލާގެ މަދު މެމްބަރުންތަކެކެވެ. އޭނާގެ ބޭބެ ބުނި ގޮތުގައި ބާތުގެ މަންމަ މަރުވެދިޔައީވެސް ބާތުއަށް ގޮވަމުންނެވެ. ބާތު ބުނާ ގޮތުގައި ފާއިތުވީ 23 އަހަރު ހިނގާދިޔަ ކަންކަން ބަލައިގަތުމަށް އޭނާގެ ސިކުނޑި އަދިވެސް ވަނީ ނުކުޅެދިފައެވެ.
ޖަލުގެ ތޭރިތަކުގައި ގުނި ދުވަސްތަކުގައި ބާތު ވަނީ އޭނާގެ އާއިލާގެ ވާހަކަތަކުން ހަނދާން ހުރި މިންވަރެއް ޑައިރީއެއްގެ ސިފާގައި ލިޔެފައެވެ. މީގެ އިތުރުން ގައިދީންނާ ޕްރޮސެކިއުޓަރުންގެ ވާހަކަތަކެއްވެސް އޭނާ ވަނީ ލޮގްކޮށްފައެވެ. ހަމަ މިއާއެކު ބާތު ވަނީ އޭނާގެ އަމިއްލަ އަތުލިޔުމުން، ކީރިތި ގުރުއާންގެ 2 މުސްޙަފު ލިޔެ ނިންމާފައެވެ.
އެންމެ މަތީ ކޯޓާ ހަމައިން މިއަދު ބާތުއަކީ މިނިވަނެއްކަމުގައި ކަނޑައެޅި ނަމަވެސް، މިދިޔަ 23 އަހަރު އޭނާއަށް ހޯދާދޭނީ ކާކުތޯ ބާތު ދަނީ ސުވާލުކުރަމުންނެވެ.