ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު ފުލުހެއްގެ މައްސަލަ އެ އިދާރާއިން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ކުޑަ ދެ ފިރިހެން ކުދިންނާ މެދު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވިގެން ހުށަހެޅުނު މައްސަލައިގެ ތުހުމަތުގައި ކުރެވިގެން މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި، ފެމިލީ އެންޑް ޗިލްޑްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާގޮތުގައި ކުޑަ ދެ ފިރިހެން ކުދިންނާ މެދު ބަދުއަހުލާގީ އަމަލު ހިންގި ފުލުސް މީހާ ހުރީ ރާއްޖެއިން ބޭރުގައި ނޯޕޭގައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ތަމްރީނު ފުރިހަމަކުރުމަށްފަހު ރާއްޖެ އައުމުންނެވެ.

ކުޑަ ދެ ފިރިގެން ކުދިންނާ މެދު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޕޮލިހުގައި މަސައްކަތް ކުރާ މަޝްހޫރު ވޮލީ ކުޅުންތެރިއެކެވެ. އޭނާ ބަދުއަހުލާގީ އަމަލު ހިންގީ 14 އަހަރުގެ ދެ ފިރިހެން ކުދިންނާއެވެ.

މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިިދިޔަ ފެބްރުއަރީ މަހުގައި ހުށަހެޅިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ޖިންސީ ގޯނާ ކުރި ފުރަތަމަ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި އަނެއް މައްސަލަ ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.