ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގެ ސަރަހައްދީ އިމުގައި ފާރެއް ރޭނުމަށް، ދައުލަތުގެ ދިފާއީ ވުޒާރާގެ ބަޖެޓް ބޭނުން ކުރުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ހުއްދަ ދީފިއެވެ.
ދިފާއީ ވުޒާރާ ޕެންޓަގަންގެ ބަޖެޓުން 2.5 ބިލިއަން ޑޮލަރު، ފާރު ރޭނުމުގެ މަސައްކަތަށް ޚަރަދު ކުރުމަށް ސުޕްރީމް ކޯޓުން ދިން ހުއްދައާ އެކު ޓްރަމްޕް އެކަމާ އުފާކުރައްވާ ވިދާޅުވީ، މިއީ އެމެރިކާގެ ސަލާމަތަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ނަސްރެއް ކަމަށެވެ.
އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިން ހުރަސްކޮށް ގަވައިދާ ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން އެ ސަރަހައްދުގައި ފާރެއް ރޭނުމަށް ބަޖެޓް ހަމަޖައްސާ ދިނުމަށް، އިދިކޮޅު ޑިމޮކްރަޓުންގެ ކޮންޓްރޯލް އޮންނަ ގާނޫނު ހަދާ މަޖިލީހުން ވަނީ ޓްރަމްޕަށް ހުރަސްތަކެއް ކުރިމަތި ކޮށްފައެވެ. ހަމަ މިމައްސަލައާ ގުޅިގެން އެމެރިކާގެ ދައުލަތުގެ ބަޖެޓުން ފައިސާ ހުސްވެ، އެމެރިކާގެ ސަރުކާރުގެ އިދާރީ މަސައްކަތް ތަކުގެ ބޮޑު ބައެއް، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓުމަކަށް ވެސް އައެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސޯ ވަނީ އެމެރިކާގެ ސަރުކާރަށް ބޮޑެތި ފާޑުވިދާޅުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އެމެރިކާ އަސްކަރިއްޔާގެ ހައިބަތަށް އުނިކަން ގެންނަ ގޮތަށް ސަރުކާރުން ވާހަކަ ދައްކާ ކަމަށާ، ރައްޔިތުންގެ ޖީބުން ސަރުކާރުން އެ ކުރަނީ ވައްކަން ކަމަށްވެސް ޕެލޯސީ ވަނީ ތުހުމަތު ކުރައްވާފައެވެ.
ފާރު ރޭނުގެ މަސައްކަތަށް، ޕެންޓަގަންގެ ބަޖެޓުން ފައިސާ ބޭނުން ކުރުމަށް މަގުފަހި ވާގޮތަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކީއްވެ ކަމެއް، މައްސަލަ ބައްލެއްވި ފަނޑިޔާރުންގެ ބެންޗުގެ އެއްވެސް ބޭފުޅަކު ހާމަ ކުރައްވާފައެއް ނުވެއެވެ.