އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އަކީ ހިންދު ކަނޑުގައި ފެތުރިފައި ވާ ޖަޒީރާ ގައުމުތަކުގެ ދެމެދުގައި ކުޅެމުން އަންނަ، އެއް ކުޅިވަރަށް ވުރެ ގިނަ ބާވަތުގެ ކުޅިވަރު ހިމެނޭ އިވެންޓެކެވެ. މި މުބާރާތުގެ ފެށުން އައީ އާދަޔާ ހިލާފު ގޮތަކަށެވެ.

1947 ވަނަ އަހަރުން ފެށިގެން 1963 ވަނަ އަހަރުގެ ނިޔަލަށް އިންޑިއަން އޯޝަން ގޭމްސް ޓްރޭންގުލެއާގެ ނަމުގައި ކުޅިވަރު އިވެންޓެއް ބާއްވަމުން ދިޔައެވެ. ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށް ގެންދިޔަ މި މިއިވެންޓްގައި އޭރު ބައިވެރި ވަމުން ދިޔައީ މަޑަގަސްކަރަ، މޮރިޝަސްއަދި ރީޔުނިއަންއެވެ. އަހަރަކީ މީލާދީ ސަނަތުން އޮނިވިހި ސަތޭކަ ފަސްދޮޅަށް ތިންވަނަ އަހަރުގެ އިންޑިއަން އޯޝަން ގޭމްސް ޓްރޭންގުލެއާގެ ފުޓުބޯޅަ ޓޯނަމަންޓް ތެރެއެވެ. މޮރިޝަސްއާއި މަޑަކަސްކަރައާ ދެމެދު ކުޅެމުން ދިޔަ މެޗު، 54 ވަނަ މިނެޓްގައި ހުއްޓާލީ 1 -1 މެޗު އެއްވަރު ވެފައި ވަނިކޮށެވެ. މަޑަގަސްކަރާގައި ކުޅެމުން ދިޔަ އެ މެޗުން މޮޅުވީ އެ ގައުމު ކަމަށް މަޑަގަސްކަރައިން އަމިއްލައަށް އިއުލާން ކުރުމާ އެކު މި ޓޯނަމަންޓްގައި ދެން އިތުރަށް ބައިވެރި ނުވުމަށް މޮރިޝަސްއިން ނިންމިއެވެ.

އަނެއްކާވެސް އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރި ކޮށްގެން ކުޅިވަރު އިވެންޓެއް އިންތިޒާމު ކުރުމަށް މަސައްކަތް ފެށުނެއެވެ. ނަމަވެސް އެއީ 1974 ވަނަ އަހަރުއެވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރި ވީ ރީޔޫނިއަންގެ ރީޖަނަލް އޮލިމްޕިކްސް ކޮމިޓީ އިންނެވެ. ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީއިން މި ބިޑް ބަލައިގަތީ 1976 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު މުބާރަތަށް ކިއަން ހަމަޖައްސާފައި އޮތީ އިންޑިއަން އޯޝަން ގޭމްސް ކަމަށް ވީ ނަމަވެސް، ބޮޑު މުބަރާތުގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން، އިވެންޓްގެ ނަން އިންޑިއަން އޯޝަން އައިލަންޑް ގޭމްސްއަށް ބަދަލުކޮށް، ބިޑުގައި ކުރިން އޮތް ސްރީލަންކާ ނުހިމަނާ ޓޯނަމަންޓްތައް ފެށިއެވެ. އެއީ 1979 ވަނަ އަހަރުގައެވެ.

މި އިވެންޓްގެ މައިގަނޑު މަގުސަދަކީ، ސަރަހައްދީ އެއްބައިވަންތަކަން ބަދަހިކޮށް، ސަރަހައްދީ ފެންވަރުގައި ކުޅިވަރު ކުރިއަރުވާ، އެކުވެރިކަން އަލާކޮށް، އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތަކުގެ އަހުލުންގެ ދެމެދުގައި އެއްބަޔަކު އަނެއްބަޔަކު ބަލައިގަތުމުގެ ރޫހު އަށަގެންނެވުމެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ރޫހާ އެއްގޮތަށް ކުރިއަށް ގެންދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް މިހާރު ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ. މި އިވެންޓްގައި ބައިވެރިވާ ގައުމުތަކުން ބިޑް ކޮށްގެން އެކި އަހަރު އެކި ގައުމުގައި މުބާރާތް ބާއްވަމުން ދިއުމުގެ މައިގަނޑު މަގުސަދުގެ ސިއްރަކީ މި ގައުމުތަކުގެ އުމްރާނީ ތަރައްގީ ކުރިއެރުވުމެވެ.

އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި މިހާރު 19 ކުޅިވަރެއްގައި 7 ގައުމަކުން ވާދަކުރެއެވެ. އެ ގައުމުތަކަކީ ކޮމޯރޯސް، މަޑަގަސްކަރަ، މޮރިޝަސް، މަޔޯޓޭ، ރީޔޫނިއަން އަދި ސީޝޭލްސްގެ އިތުރުން ދިވެހިރާއްޖެއެވެ. އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގެ ރޭންކިން އަށް ބަލާއިރު 1570 އަށްވުރެ ގިނަ މެޑެލްއާ އެކު 1 ވަނާގައި އޮތީ ރީޔޫނިއަންއެވެ. 1370 އަށްވުރެ ގިނަ މެޑަލްއާ އެކު 2ވަނާގައި މޮރިޝަސް އޮތް އިރު، ދިވެހިރާއްޖެ އޮތީ 30 އަށް ވުރެ ގިނަ މެޑަލްއާ އެކު ރޭންކިންގެ 6 ވަނާގައެވެ. ދިވެހިރާއްޖެ އަކީ 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގެ 10 އެޑިޝަންގައި ވާދަކުރި 4 ގައުމުގެ ތެރެއިން ގައުމެކެވެ.