މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި އުޅުނު ކަމަށް ބެލެވޭ ޑައިނަސޯއެއްގެ ފަލަމަސްގަނޑުގެ ކަށިގަނޑު ފެނުމާއެކު ސައިންސްވެރިން އުފާފާޅުކުރަން ފަށައިފިއެވެ.

ފަރަންސޭސިވިލާތުން ފެނުނު މި ކަށިގަނޑަކީ ހޯދުނު ވަރުގަދަ ހޯދުމެއް ކަމަށް ސައިންސްވެރިން ދަނީ ސިފަކުރަމުންނެވެ.

ގާތްގަނޑަކަށް ދެ މީޓަރު ހުންނަ މި ކަށިގަނޑު ފެނިފައިވަނީ ދުނިޔޭގައި އުޅުނު އެންމެ ބިޔަ ޖަނަވާރުތަކުގެ ކަށިގަނޑުތަކާ އެ ކަށިގަނޑުތަކުގެ ބައިތައް ފާއިތުވީ އަހަރުތަކުގައިވެސް ފެނިފައިވާ ސަރަހައްދަކުންނެވެ.

އެންމެ ފަހުން މި ފެނުނު ކަށިގަނޑު ފެނިފައިވަނީ ބޯކޮށް ހެދިފައި އޮތް މަށީގެ ފަށަލައެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ސޯރަޕޮޑް ނަމަކަށް ކިއާ ޑައިނަސޯއެއްގެ ފަލަމަސްގަނޑުގެ ކަށިގަނޑު ކަމަށް ބެލެވޭ މި ކަށިގަނޑު މީގެ 140 މިލިއަން އަހަރު ކުރިން އުޅުނު ޑައިނަސޯއެއްގެ ކަށިގަނޑު ކަމަށް ހޯދުންތައް ހޯދާ ފަރާތްތަކުން ލަފާކުރެއެވެ.

ފަލަމަސްގަނޑުގެ ކަށިގަނޑު ފެނުނު ސަރަހައްދާ ދާދި ކައިރިން، ޑައިނަސޯއެއްގެ އުކުޅުވަޅުގެ ކަށިގަނޑު ކަމަށް ބެލެވޭ ކަށިގަނޑެއް ވަނީ ފެނިފައެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ނޭޝަނަލް ނެޗުރަލް ހިސްޓްރީ މިއުޒިއަމްގެ ޕެލިއޮންޓޮލޮޖިސްޓެއް ކަމަށްވާ ރޮނަން އެލެއިން ބުނީ، މި ޖަނަވާރުތަކަކީ ބަރުދަނުގައި ގާތްގަނޑަކަށް 40 – 50 ޓަނު ހުންނާނެ ޖަނަވާރުތަކެއް ކަމަށެވެ.

މި ކަށިގަނޑުތައް ފެނުނު ސަރަހައްދުގައި ސައިންސްވެރިން ހަރަކާތްތެރި ވަމުންދާތާ 10 ވަރަކަށް އަހަރު ވެފައިވާއިރު، ތަފާތު 40 ވައްތަރުގެ މަހުލޫގުތަކަކަށް ނިސްބަތްވާ 7500 އަށްވުރެ ގިނަ ކަށިކޮޅުތަކާ ކަށިގަނޑުތައް މި ސަރަހައްދުން ވަނީ ފެނިފައެވެ.