ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ދިވެހި ގައުމީ ދިދައިން ދިއްލާލައިފިއެވެ.

ރާއްޖެއަށްޓަކައި މިރޭ ބުރުޖް ހަލީފާގެ ބޭރު ފުރާލީ ގައުމީ ދިދައިގެ ދިއްލުމަކުންމެވެ. އެންމެ ތިރިން ފެށިގެން އެންމެ އުހަށް ފެންނަން ހުރީ ދިވެހި ގައުމީ ދިދައެވެ.

ދުނިޔޭގެ އެކި ގައުމު ތަކުގެ މުނާސަބު ދުވަސްތަކާ ގުޅިގެން އެ ދުވަހަކާ ގުޅޭ ގޮތަކަށް ބުރުޖް ހަލީފާ ދިއްލަ އެވެ.

ބުރުޖް ހަލީފާގެ ދިއްލުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުން ދާއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ވެސް ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ޝަރަފުގެ ހިނގާލުމާއި މިޔުޒިކް ޝޯ މިރޭ ވަނީ ގަލޮޅު ދަނޑުގައި ބާއްވާފައެވެ.

މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނީ މާދަމާއެވެ. ރޭ ދަރުބާރުގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުވުން އޮތެވެ.