އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކުގައި ވިއްކަމުންދާ ކިރުގެ އުފެއްދުންތަކާ މެދު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އުފެއްދިއްޖެއެވެ.

ދިއްލީ ފުޑް ސޭފްޓީ ސްޓޭންޑަޑް އިން ކުރިއަށް ގެންދިޔަ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި އިންޑިއާގެ ބާޒާރުން ލިބެން ހުންނަ ކިރުގެ އުފެއްދުންތަކުގެ ބޮޑު އިންސައްތައަކީ އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ މިންގަނޑު ހިފެހެއްޓިފައި ނުވާ އުފެއްދުންތަކެކެވެ.

ކަންމިހެން އޮތްއިރު މިމަސްރަހު އިތުރަށް ނުތަނަވަސްވެގެން ގޮސްފައި މިވަނީ އިންޑިއާގެ ފުލުހުން ހިންގި ހާއްސަ ރެއިޑެއްގައި، ފެނުނު ކަމަކުންނެވެ. އެގޮތުން އިންޑިއާގެ ފުލުހުންވަނީ "ސިންތެޓިކް" ކިރާއި ކިރުގެ އުފެއްދުންތައް ތައްޔާރު ކުރަމުންދިޔަ ކަމުގެ ކުށުގައި 60 އަށްވުރެ ގިނަ މީހުންގެ ގޭންގެއް އަތުލައިގެންފައެވެ. މިމީހުން މިކަމެއް ކުރަމުންދަނީ ކާރުހާނާއެއްވެސް ހަދައިގެން ކަމަށް ޚަބަރު ލިބެއެވެ.

ފުލުހުން ހިންގި ރެއިޑްގައި 10000 ލީޓަރުގެ ސިންތެޓިކް ކިރާ، 500 ކިލޯގްރާމްގެ ކޮންޑެންސްޑް މިލްކް (ގެރިކިރު) ގެ އިތުރުން 200 ކިލޯގްރާމްގެ ސިންތެޓިކް ކޮޓޭޖް ޗީޒް ވަނީ އަތުލައިގެންފައެވެ.

މައްސަލަ ތަހުގީގު ކުރައްވަމުންގެންދަވާ އޮފިސަރު ވިދާޅުވީ ޝައްކުތަކެއް އެކުލެވޭ ކިރު ބަރުކޮށްގެން ދިޔަ 20 ޓޭންކަރަކާ 11 ވޭންއެއްވެސް ހިފަހައްޓާފައިވާކަމަށެވެ. ތަހުގީގުތަކަށް އެނގިފައިވާ ގޮތުގައި މި އުޅަނދުތަކުގައި ހުރި ކިރުގެ އުފެއްދުންތަކަކީ އުއްތަރަ ޕްރަދޭޝްއާއި ރާޖަސްތާނުގެ އިތުރުން ދިއްލީއަށްވެސް ގެންދަން ޝެޑިއުލްކޮށްފައިވާ އުފެއްދުންތަކެއް ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ އުފެދުންތަކުގައި، އިންސާނެއްގެ ހަށިގަނޑަށް އެތެރެވުމުން ނުރައްކާވާ މާއްދާތަކެއް ހުރިކަން ވަނީ ހޯދިފައެވެ. އޭގެ ތެރޭގައި ޝޭމްޕޫއާއި، ޑިޓާޖަންޓް، ސާފުކުރި ތެޔޮ، ޕެލްޓޯޑެކްސްޓަރީން ޕައުޑާ އަދި ސޯޑިއަމް ތިއޯސަލްފޭޓް ފަދަ ކެމިކަލް މާއްދާތައްވެސް ވަނީ ފެނިފައެވެ.

މައްސަލަ މިހާ ހިސާބަށް ގޮސްފައިވާއިރު، ކޮންމެ ބަޔަކުވެސް އެމީހަކު ދަންނަ ދަނޑުވެރިއެއް ނޫނީ ކިރުވިއްކާ މީހެއްގެ އަތުން، ތާޒާ ރޯކިރު ނޫނީ ނުގަތުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.